Main pages

Surah Abraham [Ibrahim] in Divehi

Surah Abraham [Ibrahim] Ayah 52 Location Makkah Number 14

الۤرۚ كِتَـٰبٌ أَنزَلۡنَـٰهُ إِلَیۡكَ لِتُخۡرِجَ ٱلنَّاسَ مِنَ ٱلظُّلُمَـٰتِ إِلَى ٱلنُّورِ بِإِذۡنِ رَبِّهِمۡ إِلَىٰ صِرَ ٰ⁠طِ ٱلۡعَزِیزِ ٱلۡحَمِیدِ ﴿1﴾

ل ر (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) (މިއީ) ފޮތެކެވެ. އެ ފޮތް ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލެއްވީ، އެއުރެންގެ ވެރިރަސްކަލާނގެ إذن ފުޅާއެކު، އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް ކަލޭގެފާނު، މީސްތަކުން ނެރުއްވުމަށެވެ. ގަދަފަދަވަންތަ، حمد ލިބިވޮޑިގެންވާ ރަސްކަލާނގެ (ދެއްކެވި) މަގަށެވެ.

ٱللَّهِ ٱلَّذِی لَهُۥ مَا فِی ٱلسَّمَـٰوَ ٰ⁠تِ وَمَا فِی ٱلۡأَرۡضِۗ وَوَیۡلࣱ لِّلۡكَـٰفِرِینَ مِنۡ عَذَابࣲ شَدِیدٍ ﴿2﴾

اللَّه ގެ މަގެވެ. އެކަލާނގެއީ، އުޑުތަކުގައި ވާހާ އެއްޗަކާއި، ބިމުގައި ވާހާ އެއްޗެއް މިލްކުވެގެންވާ ރަސްކަލާނގެއެވެ. އަދި كافر ންނަށް ގަދަފަދަވެގެންވާ عذاب އަކުން ހަލާކު ހުށްޓެވެ.

ٱلَّذِینَ یَسۡتَحِبُّونَ ٱلۡحَیَوٰةَ ٱلدُّنۡیَا عَلَى ٱلۡـَٔاخِرَةِ وَیَصُدُّونَ عَن سَبِیلِ ٱللَّهِ وَیَبۡغُونَهَا عِوَجًاۚ أُو۟لَـٰۤىِٕكَ فِی ضَلَـٰلِۭ بَعِیدࣲ ﴿3﴾

އެއުރެންނީ، آخرة އަށްވުރެ ބޮޑަށް ދުނިޔޭގެ ދިރިއުޅުމަށް ލޯބިކުރާ މީހުންނެވެ. އަދި اللَّه ގެ މަގުން (މީސްތަކުން) އެއްކިބާކޮށް، އެ މަގު ގުދުވުމަށް އެދޭ މީހުންނެވެ. އެއުރެންވަނީ، ދުރުވެގެންވާ މަގުފުރެދުމެއްގައެވެ.

وَمَاۤ أَرۡسَلۡنَا مِن رَّسُولٍ إِلَّا بِلِسَانِ قَوۡمِهِۦ لِیُبَیِّنَ لَهُمۡۖ فَیُضِلُّ ٱللَّهُ مَن یَشَاۤءُ وَیَهۡدِی مَن یَشَاۤءُۚ وَهُوَ ٱلۡعَزِیزُ ٱلۡحَكِیمُ ﴿4﴾

ތިމަންރަސްކަލާނގެ އެއްވެސް رسول އަކު އެބޭކަލެއްގެ قوم ގެބަހުން މެނުވީ ނުފޮނުއްވަމެވެ. (އެއީ) އެއުރެންނަށް ސާފުކޮށް ބަޔާންކޮށްދެއްވުމަށްޓަކައެވެ. ފަހެ، اللَّه އިރާދަކުރައްވާ އަޅަކު، މަގުފުރައްދަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ އަޅަކަށް ތެދުމަގު ދައްކަވަތެވެ. އެކަލާނގެއީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ.

وَلَقَدۡ أَرۡسَلۡنَا مُوسَىٰ بِـَٔایَـٰتِنَاۤ أَنۡ أَخۡرِجۡ قَوۡمَكَ مِنَ ٱلظُّلُمَـٰتِ إِلَى ٱلنُّورِ وَذَكِّرۡهُم بِأَیَّىٰمِ ٱللَّهِۚ إِنَّ فِی ذَ ٰ⁠لِكَ لَـَٔایَـٰتࣲ لِّكُلِّ صَبَّارࣲ شَكُورࣲ ﴿5﴾

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آية ތަކާއިގެން، موسى ގެފާނު ފޮނުއްވީމެވެ. (އަދި އެންގެވީމެވެ.) ކަލޭގެފާނުގެ قوم ގެމީހުން އަނދިރިކަމުގެ ތެރެއިން، އަލިކަމުގެ ތެރެއަށް ނެރުއްވާށެވެ! އަދި އެއުރެންނަށް اللَّه ގެ ދުވަސްތައް ހަނދުމަކޮށްދެއްވާށެވެ! ހަމަކަށަވަރުން، ކެތްތެރިކަން ބޮޑު، شكر ވެރިވުން ގިނަ ކޮންމެ މީހަކަށް، އެކަންތަކުގައި ހެކިތަކެއްވާކަން ކަށަވަރެވެ.

وَإِذۡ قَالَ مُوسَىٰ لِقَوۡمِهِ ٱذۡكُرُوا۟ نِعۡمَةَ ٱللَّهِ عَلَیۡكُمۡ إِذۡ أَنجَىٰكُم مِّنۡ ءَالِ فِرۡعَوۡنَ یَسُومُونَكُمۡ سُوۤءَ ٱلۡعَذَابِ وَیُذَبِّحُونَ أَبۡنَاۤءَكُمۡ وَیَسۡتَحۡیُونَ نِسَاۤءَكُمۡۚ وَفِی ذَ ٰ⁠لِكُم بَلَاۤءࣱ مِّن رَّبِّكُمۡ عَظِیمࣱ ﴿6﴾

موسى ގެފާނު އެކަލޭގެފާނުގެ قوم ގެމީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) ތިޔަބައިމީހުންނަށް اللَّه ދެއްވި نعمة ތައް، ތިޔަބައިމީހުން ހަނދާންކުރާށެވެ! فرعون ގެ މީހުންގެ ކިބައިން އެކަލާނގެ ތިޔަބައިމީހުން ސަލާމަތް ކުރެއްވި ހިނދެވެ. އެއުރެން ތިޔަބައިމީހުންނަށް ގަދަފަދަވެގެންވާ عذاب ގެ ރަހަ ދައްކަމުން ގެންދެެތެވެ. އަދި އެއުރެން ތިޔަބައިމީހުންގެ ފިރިހެންދަރިން ކަތިލައި، އަދި ތިޔަބައިމީހުންގެ އަންހެންދަރިން ނުމަރައި ބައިތިއްބަތެވެ. އަދި އެކަންތަކުގައި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން އައިސްފައިވާ ބޮޑު امتحان އެއް ވެއެވެ.

وَإِذۡ تَأَذَّنَ رَبُّكُمۡ لَىِٕن شَكَرۡتُمۡ لَأَزِیدَنَّكُمۡۖ وَلَىِٕن كَفَرۡتُمۡ إِنَّ عَذَابِی لَشَدِیدࣱ ﴿7﴾

އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން شكر ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (شكر ނުކޮށް) كافر ވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عذاب ގަދަފަދަވެގެންވާކަން ކަށަވަރެވެ.

وَقَالَ مُوسَىٰۤ إِن تَكۡفُرُوۤا۟ أَنتُمۡ وَمَن فِی ٱلۡأَرۡضِ جَمِیعࣰا فَإِنَّ ٱللَّهَ لَغَنِیٌّ حَمِیدٌ ﴿8﴾

އަދި موسى ގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންނާއި، ބިމުގައި ވާހާ އެންމެން (شكر ނުކޮށް) كافر ވިޔަސް، ފަހެ، ހަމަކަށަވަރުން، اللَّه އީ، ފުދިވޮޑިގެންވާ، حمد ލިބިވޮޑިގެންވާ ރަސްކަލާނގެކަން ކަށަވަރެވެ.

أَلَمۡ یَأۡتِكُمۡ نَبَؤُا۟ ٱلَّذِینَ مِن قَبۡلِكُمۡ قَوۡمِ نُوحࣲ وَعَادࣲ وَثَمُودَ وَٱلَّذِینَ مِنۢ بَعۡدِهِمۡ لَا یَعۡلَمُهُمۡ إِلَّا ٱللَّهُۚ جَاۤءَتۡهُمۡ رُسُلُهُم بِٱلۡبَیِّنَـٰتِ فَرَدُّوۤا۟ أَیۡدِیَهُمۡ فِیۤ أَفۡوَ ٰ⁠هِهِمۡ وَقَالُوۤا۟ إِنَّا كَفَرۡنَا بِمَاۤ أُرۡسِلۡتُم بِهِۦ وَإِنَّا لَفِی شَكࣲّ مِّمَّا تَدۡعُونَنَاۤ إِلَیۡهِ مُرِیبࣲ ﴿9﴾

ތިޔަބައިމީހުންގެ ކުރިން އުޅުނު މީހުންގެ خبر ތިޔަބައިމީހުންނާ ހަމަޔަކަށް ނާދޭހެއްޔެވެ؟ (އެއީ) نوح ގެފާނުގެ قوم ގެމީހުންނާއި، عاد ބާގައިމީހުންނާއި، ثمود ބާގައިމީހުންނާއި، އެއުރެންގެ ފަހުން އުޅުނު މީހުންނެވެ. اللَّه އަށް މެނުވީ، އެއުރެންނެއް ނޭނގެތެވެ. އެއުރެންގެ ގާތަށް އެއުރެންގެ رسول ން ބަޔާންވެގެންވާ ހެކިތަކާއިގެން ވަޑައިގަތެވެ. ފަހެ، އެއުރެންގެ އަނގަތަކުގައި، އެއުރެންގެ އަތްތައް އެޅޫއެވެ. އަދި އެއުރެން ބުނެފޫއެވެ. ހަމަކަށަވަރުން، ތިޔަބޭކަލުން އެކަމަކާއިގެން ފޮނުއްވެވި ކަންތަކަށް ތިމަންމެން كافر ވެއްޖައީމެވެ. އަދި ހަމަކަށަވަރުން، ތިޔަބޭކަލުން އެކަމަކަށް ތިމަންމެންނަށް ގޮވައިލައްވާ ކަމަކާމެދު، ހަމަކަށަވަރުން، ތިމަންމެންވަނީ ވަސްވާސްތެރިކަމުން ފުރިގެންވާ شك އެއް ގައެވެ.

۞ قَالَتۡ رُسُلُهُمۡ أَفِی ٱللَّهِ شَكࣱّ فَاطِرِ ٱلسَّمَـٰوَ ٰ⁠تِ وَٱلۡأَرۡضِۖ یَدۡعُوكُمۡ لِیَغۡفِرَ لَكُم مِّن ذُنُوبِكُمۡ وَیُؤَخِّرَكُمۡ إِلَىٰۤ أَجَلࣲ مُّسَمࣰّىۚ قَالُوۤا۟ إِنۡ أَنتُمۡ إِلَّا بَشَرࣱ مِّثۡلُنَا تُرِیدُونَ أَن تَصُدُّونَا عَمَّا كَانَ یَعۡبُدُ ءَابَاۤؤُنَا فَأۡتُونَا بِسُلۡطَـٰنࣲ مُّبِینࣲ ﴿10﴾

އެއުރެންގެ رسول ން ވިދާޅުވޫއެވެ. އިސްވެދިޔަ مثال އަކާނުލައި އުޑުތަކާއި ބިން އުފެއްދެވި اللَّه އާމެދު، شك އެއް ވޭހެއްޔެވެ؟ އެކަލާނގެ ތިޔަބައިމީހުންނަށް ގޮވައިލައްވަނީ، ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވުމަށާއި، ކަނޑައެޅިގެންވާ މުއްދަތަކަށް ތިޔަބައިމީހުން ފަސްކުރެއްވުމަށްޓަކައެވެ. އެއުރެން ދެންނެވޫއެވެ. ތިމަންމެންކަހަލަ އިންސާނުން ކަމުގައި މެނުވީ ތިޔަބޭކަލުން ނުވަމުއެވެ. ތިޔަބޭކަލުން އެދިވަޑައިގަންނަވަނީ، ތިމަންމެންގެ ކާބަފައިން އަޅުކަންކޮށް އުޅުނު ތަކެތިން ތިމަންމެން ދުރުކުރެއްވުމަށެވެ. ފަހެ، ބަޔާންވެގެންވާ حجّة އެއް ތިމަންމެންނަށް ތިޔަބޭކަލުން ގެނެސްދެއްވަ ބައްލަވާށެވެ!

قَالَتۡ لَهُمۡ رُسُلُهُمۡ إِن نَّحۡنُ إِلَّا بَشَرࣱ مِّثۡلُكُمۡ وَلَـٰكِنَّ ٱللَّهَ یَمُنُّ عَلَىٰ مَن یَشَاۤءُ مِنۡ عِبَادِهِۦۖ وَمَا كَانَ لَنَاۤ أَن نَّأۡتِیَكُم بِسُلۡطَـٰنٍ إِلَّا بِإِذۡنِ ٱللَّهِۚ وَعَلَى ٱللَّهِ فَلۡیَتَوَكَّلِ ٱلۡمُؤۡمِنُونَ ﴿11﴾

އެއުރެންގެ رسول ން އެއުރެންނަށް ވިދާޅުވޫއެވެ. ތިޔަބައިމީހުން ކަހަލަ އިންސާނުން ކަމުގައި މެނުވީ، ތިމަންމެން ނުވަމުއެވެ. އެހެނެއްކަމަކު، اللَّه، އެކަލާނގެ އަޅުންކުރެ އިރާދަކުރެއްވި ބަޔަކަށް نعمة ދެއްވަތެވެ. އަދި اللَّه ގެ إذن ފުޅާލައިގެން މެނުވީ، ތިޔަބައިމީހުންނަށް حجّة އެއް ގެނެސްދިނުމަކީ، ތިމަންމެންނަށް އޮތްކަމެއް ނޫނެވެ. އަދި مؤمن ތަކުން ހަމައެކަނި اللَّه އަށް وكيل ކުރާހުށިކަމެވެ!

وَمَا لَنَاۤ أَلَّا نَتَوَكَّلَ عَلَى ٱللَّهِ وَقَدۡ هَدَىٰنَا سُبُلَنَاۚ وَلَنَصۡبِرَنَّ عَلَىٰ مَاۤ ءَاذَیۡتُمُونَاۚ وَعَلَى ٱللَّهِ فَلۡیَتَوَكَّلِ ٱلۡمُتَوَكِّلُونَ ﴿12﴾

އަދި ހަމަކަށަވަރުން، އެކަލާނގެ ތިމަންމެންނަށް ތިމަންމެންގެ މަގުތައް ދައްކަވާފައިވާއިރު، اللَّه އަށް ތިމަންމެން وكيل ނުކުރަންވީ ކީއްވެގެން ހެއްޔެވެ؟ އަދި ތިޔަބައިމީހުން ތިމަންމެންނަށް ދިން އުނދަގޫތަކަށް ހަމަކަށަވަރުން، ތިމަންމެން ކެތްކުރާހުށީމުއެވެ. އަދި وكيل ކުރާމީހުން، ހަމައެކަނި اللَّه އަށް وكيل ކުރާހުށިކަމެވެ!

وَقَالَ ٱلَّذِینَ كَفَرُوا۟ لِرُسُلِهِمۡ لَنُخۡرِجَنَّكُم مِّنۡ أَرۡضِنَاۤ أَوۡ لَتَعُودُنَّ فِی مِلَّتِنَاۖ فَأَوۡحَىٰۤ إِلَیۡهِمۡ رَبُّهُمۡ لَنُهۡلِكَنَّ ٱلظَّـٰلِمِینَ ﴿13﴾

كافر ވި މީހުން، އެއުރެންގެ رسول ންނަށް ދެންނެވޫއެވެ. ހަމަކަށަވަރުން، ތިމަންމެންގެ ބިމުން ތިޔަބޭކަލުން ނެރެލާހުށީމުއެވެ. ނޫންނަމަަ ތިޔަބޭކަލުން ތިމަންމެންގެ دين އަށް އެނބުރިވަޑައިގަންނަވާހުށިކަމެވެ! ފަހެ، އެބޭކަލުންގެ ވެރިރަސްކަލާނގެ، އެބޭކަލުންނަށް وحى ކުރެއްވިއެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަނިޔާވެރިން ހަލާކުކުރައްވާހުށީމެވެ.

وَلَنُسۡكِنَنَّكُمُ ٱلۡأَرۡضَ مِنۢ بَعۡدِهِمۡۚ ذَ ٰ⁠لِكَ لِمَنۡ خَافَ مَقَامِی وَخَافَ وَعِیدِ ﴿14﴾

އަދި ހަމަކަށަވަރުން، އެއުރެންގެ ފަހުގައި، ތިމަންރަސްކަލާނގެ ތިޔަބައިމީހުން، ބިމުގައި ވަޒަންވެރި ކުރައްވާ ހުށީމެވެ. އެކަންއޮތީ، ތިމަންރަސްކަލާނގެ (މަތިވެރި) مقام އަށް ބިރުވެތިވެ، ތިމަންރަސްކަލާނގެ وعيد އަށް ބިރުވެތިވި މީހުންނަށެވެ.

وَٱسۡتَفۡتَحُوا۟ وَخَابَ كُلُّ جَبَّارٍ عَنِیدࣲ ﴿15﴾

އަދި އެބޭކަލުން نصر އަށް އެދި ދެންނެވޫއެވެ. އަދި ހަރުކަށި، ކޮންމެ جبّار އަކު ގެއްލި ހަލާކުވިއެވެ.

مِّن وَرَاۤىِٕهِۦ جَهَنَّمُ وَیُسۡقَىٰ مِن مَّاۤءࣲ صَدِیدࣲ ﴿16﴾

އޭނާގެ ކުރިމަތީގައިވަނީ، ނަރަކައެވެ. އަދި އޭނާއަށް ބޯންދެއްވާނީ، ފާ ދިޔަފަދަ ފެނަކުންނެވެ.

یَتَجَرَّعُهُۥ وَلَا یَكَادُ یُسِیغُهُۥ وَیَأۡتِیهِ ٱلۡمَوۡتُ مِن كُلِّ مَكَانࣲ وَمَا هُوَ بِمَیِّتࣲۖ وَمِن وَرَاۤىِٕهِۦ عَذَابٌ غَلِیظࣱ ﴿17﴾

އޭނާ އެ ދިރުވައިލާނެތެވެ. އޭނާއަށް އެ ދިރުވައިލެވޭނީ، ވަރަށް އުނދަގުލުންނެވެ. އަދި ހުރިހާ ފަރާތަކުން އޭނާގެ ގާތަށް މަރު އަންނާނެތެވެ. (އެކަމަކު) އޭނާ މަރެއް ނުވާނެތެވެ. އަދި އޭނާގެ ކުރިމަތީގައިވަނީ، ގަދަފަދަވެގެންވާ عذاب އެވެ.

مَّثَلُ ٱلَّذِینَ كَفَرُوا۟ بِرَبِّهِمۡۖ أَعۡمَـٰلُهُمۡ كَرَمَادٍ ٱشۡتَدَّتۡ بِهِ ٱلرِّیحُ فِی یَوۡمٍ عَاصِفࣲۖ لَّا یَقۡدِرُونَ مِمَّا كَسَبُوا۟ عَلَىٰ شَیۡءࣲۚ ذَ ٰ⁠لِكَ هُوَ ٱلضَّلَـٰلُ ٱلۡبَعِیدُ ﴿18﴾

އެއުރެންގެ ވެރިރަސްކަލާނގެއަށް كافر ވި މީހުންގެ عمل ތަކުގެ مثال، އަޅިތަކެއް ފަދައެވެ. ވިއްސާރަގަދަ ދުވަހެއްގައި، އެއަށް ގަދަ ވައިޖެހި، އެ އަޅިތައް ބުރުއްސައިލިއެވެ. އެއުރެން ހޯދައިގަތް އެއްވެސްކަމެއްގެ މައްޗަށް، އެއުރެންގެ އެއްވެސް ބާރެއް ނެތެވެ. ދުރުވެގެންވާ މަގުފުރެދުމަކީ ހަމައެއީއެވެ.

أَلَمۡ تَرَ أَنَّ ٱللَّهَ خَلَقَ ٱلسَّمَـٰوَ ٰ⁠تِ وَٱلۡأَرۡضَ بِٱلۡحَقِّۚ إِن یَشَأۡ یُذۡهِبۡكُمۡ وَیَأۡتِ بِخَلۡقࣲ جَدِیدࣲ ﴿19﴾

ހަމަކަށަވަރުން، اللَّه، حق ގޮތުގައި އުޑުތަކާއި ބިން ހައްދަވާފައިވާކަން ތިބާއަކަށް ނޭނގޭ ހެއްޔެވެ؟ އެކަލާނގެ އިރާދަކުރައްވާނަމަ، ތިޔަބައިމީހުން ނެތިކޮށްލައްވައި، އާ مخلوق ންތަކެއް ގެންނަވައިފާނެތެވެ.

وَمَا ذَ ٰ⁠لِكَ عَلَى ٱللَّهِ بِعَزِیزࣲ ﴿20﴾

އަދި އެކަންތައް اللَّه އަށް އުނދަގޫކަމަކަށް ނުވެތެވެ.

وَبَرَزُوا۟ لِلَّهِ جَمِیعࣰا فَقَالَ ٱلضُّعَفَـٰۤؤُا۟ لِلَّذِینَ ٱسۡتَكۡبَرُوۤا۟ إِنَّا كُنَّا لَكُمۡ تَبَعࣰا فَهَلۡ أَنتُم مُّغۡنُونَ عَنَّا مِنۡ عَذَابِ ٱللَّهِ مِن شَیۡءࣲۚ قَالُوا۟ لَوۡ هَدَىٰنَا ٱللَّهُ لَهَدَیۡنَـٰكُمۡۖ سَوَاۤءٌ عَلَیۡنَاۤ أَجَزِعۡنَاۤ أَمۡ صَبَرۡنَا مَا لَنَا مِن مَّحِیصࣲ ﴿21﴾

އެ އެންމެން (ކަށްވަޅުތަކުން) ނުކުމެ، اللَّه ގެ حضرة އަށް އަންނާނެތެވެ. އަދި (އޭގެތެރެއިން) ނިކަމެތިން ބޮޑާވެގަތް މީހުންނަށް ބުނާނެތެވެ. ހަމަކަށަވަރުން، ތިމަންމެން މިތިބީ، ތިޔަބައިމީހުންނަށް تبع ވެގެންނެވެ. ފަހެ، ތިޔަބައިމީހުންނަށް اللَّه ގެ عذاب ން ކުޑަމިންވަރެއްނަމަވެސް ތިމަންމެންގެ ކިބައިން ދުރުކޮށްދެވިދާނެ ހެއްޔެވެ؟ އެއުރެން ބުނާނެތެވެ. اللَّه ތިމަންމެންނަށް ތެދުމަގު ދެއްކެވިނަމަ، ތިޔަބައިމީހުންނަށް ތިމަންމެން ތެދުމަގު ދެއްކީމުހެވެ. ތިމަންމެން ކެތްނުކުރިޔަސް، ނުވަތަ ކެތްކުރިޔަސް، ތިމަންމެންގެ މައްޗަށް ހަމަހަމަވެގެންވެއެވެ. ފިލަންދާނެ ތަނެއް ތިމަންމެންނަކަށް ނުވެއެވެ.

وَقَالَ ٱلشَّیۡطَـٰنُ لَمَّا قُضِیَ ٱلۡأَمۡرُ إِنَّ ٱللَّهَ وَعَدَكُمۡ وَعۡدَ ٱلۡحَقِّ وَوَعَدتُّكُمۡ فَأَخۡلَفۡتُكُمۡۖ وَمَا كَانَ لِیَ عَلَیۡكُم مِّن سُلۡطَـٰنٍ إِلَّاۤ أَن دَعَوۡتُكُمۡ فَٱسۡتَجَبۡتُمۡ لِیۖ فَلَا تَلُومُونِی وَلُومُوۤا۟ أَنفُسَكُمۖ مَّاۤ أَنَا۠ بِمُصۡرِخِكُمۡ وَمَاۤ أَنتُم بِمُصۡرِخِیَّ إِنِّی كَفَرۡتُ بِمَاۤ أَشۡرَكۡتُمُونِ مِن قَبۡلُۗ إِنَّ ٱلظَّـٰلِمِینَ لَهُمۡ عَذَابٌ أَلِیمࣱ ﴿22﴾

އަދި ކަންތައް ނިޔާކުރައްވައި ނިމޭހިނދު، شيطان އާ ބުނާނެތެވެ. ހަމަކަށަވަރުން، اللَّه، ތިޔަބައިމީހުންނަށް وعد ކުރައްވާފައިވަނީ، حق ތެދު وعد އެވެ. އަދި ތިމަންވެސް ތިޔަބައިމީހުންނަށް وعد ކުރީމެވެ. ފަހެ، ތިޔަބައިމީހުންނަށް ތިމަންކުޅަ وعد އާ خلاف ވީމެވެ. އަދި ތިޔަބައިމީހުންނަށް ތިމަން ގޮވައިލުން ފިޔަވައި، ތިޔަބައިމީހުންގެ މައްޗަށް އެއްވެސް ބާރެއް ތިމަންނާއަކަށް ލިބިގެނެއް ނުވެއެވެ. ފަހެ، ތިޔަބައިމީހުން ތިމަންނާގެ ގޮވައިލުމަށް އިޖާބަދިނީއެވެ. ފަހެ، ތިޔަބައިމީހުން ތިމަން ކުށްވެރިކޮށް ވާހަކަ ނުދައްކާށެވެ! އަދި ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ކުށްވެރިކޮށް ވާހަކަ ދައްކާށެވެ! ތިޔަބައިމީހުންގެ އެހީތެރިޔަކަށް ތިމަން ނުވަމެވެ. އަދި ތިޔަބައިމީހުންވެސް ތިމަންގެ އެހީތެރިންނަކަށް ނުވަމުއެވެ. ހަމަކަށަވަރުން، މީގެކުރިން ތިޔަބައިމީހުން ތިމަން ބައިވެރިކުރި ކަންތަކަށް ތިމަން كافر ވީމެވެ. ހަމަކަށަވަރުން، އަނިޔާވެރިންނަށް ވޭންދެނިވި عذاب ހުށްޓެވެ.

وَأُدۡخِلَ ٱلَّذِینَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ جَنَّـٰتࣲ تَجۡرِی مِن تَحۡتِهَا ٱلۡأَنۡهَـٰرُ خَـٰلِدِینَ فِیهَا بِإِذۡنِ رَبِّهِمۡۖ تَحِیَّتُهُمۡ فِیهَا سَلَـٰمٌ ﴿23﴾

إيمان ވެ صالح عمل ތައް ކުޅަމީހުން، އެތާނގެ ދަށުން ފެން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް ވައްދަވާހުށްޓެވެ. އެއުރެންގެ ވެރިރަސްކަލާނގެ إذن ފުޅާއެކު، އެތާނގައި އެއުރެން ދެމިތިބެނިވި ގޮތުގައެވެ. އެތާނގައި، އެއުރެންގެ تحيّة އަކީ، سلام އެވެ.

أَلَمۡ تَرَ كَیۡفَ ضَرَبَ ٱللَّهُ مَثَلࣰا كَلِمَةࣰ طَیِّبَةࣰ كَشَجَرَةࣲ طَیِّبَةٍ أَصۡلُهَا ثَابِتࣱ وَفَرۡعُهَا فِی ٱلسَّمَاۤءِ ﴿24﴾

اللَّه، ރަނގަޅު ބަހެއްގެ مثال ޖެއްސެވީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ؟ އެއީ، އެ ގަހެއްގެ މޫތައް (ބިމުގައި) ހަރުލާފައި ހުންނަ، އަދި އެ ގަހެއްގެ ގޮފިތައް (ބިޔަކޮށްހެދި) މައްޗަށް އުފުލިފައިވާ ގަހެއްގެ مثال އެވެ.

تُؤۡتِیۤ أُكُلَهَا كُلَّ حِینِۭ بِإِذۡنِ رَبِّهَاۗ وَیَضۡرِبُ ٱللَّهُ ٱلۡأَمۡثَالَ لِلنَّاسِ لَعَلَّهُمۡ یَتَذَكَّرُونَ ﴿25﴾

އެ ގަހުގެ ވެރިރަސްކަލާނގެ إذن ފުޅާއެކު، ހުރިހާ ހިނދެއްގައި އެ ގަހުގެ މޭވާ ލިބިދެއެވެ. اللَّه، މީސްތަކުންނަށް مثال ޖައްސަވަނީ، އެއުރެން ހަނދުމަކުރުމަށްޓަކައެވެ.

وَمَثَلُ كَلِمَةٍ خَبِیثَةࣲ كَشَجَرَةٍ خَبِیثَةٍ ٱجۡتُثَّتۡ مِن فَوۡقِ ٱلۡأَرۡضِ مَا لَهَا مِن قَرَارࣲ ﴿26﴾

އަދި ނުބައި ބަހެއްގެ مثال އަކީ، ބިންމަތިން އުފުރާލި (އަދި) އެ ގަހަކަށް އެއްވެސް ސާބިތުކަމެއްނުވާ، ނުބައި ގަހެއްގެ مثال އެވެ.

یُثَبِّتُ ٱللَّهُ ٱلَّذِینَ ءَامَنُوا۟ بِٱلۡقَوۡلِ ٱلثَّابِتِ فِی ٱلۡحَیَوٰةِ ٱلدُّنۡیَا وَفِی ٱلۡـَٔاخِرَةِۖ وَیُضِلُّ ٱللَّهُ ٱلظَّـٰلِمِینَۚ وَیَفۡعَلُ ٱللَّهُ مَا یَشَاۤءُ ﴿27﴾

ދުނިޔޭގެ حياة ގައްޔާއި، آخرة ގައި ސާބިތުވެގެންވާ (حق) ބަހުން إيمان ވި މީހުންނަށް، اللَّه ސާބިތުކަން ދެއްވަތެވެ. އަދި اللَّه، އަނިޔާވެރިން މަގުފުރައްދަވަތެވެ. އަދި اللَّه، އެކަލާނގެ އިރާދަކުރައްވާ ކަމެއް ކުރައްވަތެވެ.

۞ أَلَمۡ تَرَ إِلَى ٱلَّذِینَ بَدَّلُوا۟ نِعۡمَتَ ٱللَّهِ كُفۡرࣰا وَأَحَلُّوا۟ قَوۡمَهُمۡ دَارَ ٱلۡبَوَارِ ﴿28﴾

اللَّه ގެ نعمة، كافر ކަމަށް ބަދަލުކޮށް، އެއުރެންގެ قوم ހަލާކުގެ ގޮވައްޗަށްލީ މީހުން ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ؟

جَهَنَّمَ یَصۡلَوۡنَهَاۖ وَبِئۡسَ ٱلۡقَرَارُ ﴿29﴾

(އެއީ) ނަރަކައެވެ. އެއުރެން އެތަނަށްވަދެ އަނދާނެތެވެ. އަދި އެއީ، ތިބުމަށް ހާދަހާ ނުބައި ތަނެކެވެ!

وَجَعَلُوا۟ لِلَّهِ أَندَادࣰا لِّیُضِلُّوا۟ عَن سَبِیلِهِۦۗ قُلۡ تَمَتَّعُوا۟ فَإِنَّ مَصِیرَكُمۡ إِلَى ٱلنَّارِ ﴿30﴾

އަދި އެއުރެން اللَّه އަށް شريك ން ލޫއެވެ. (އެއީ) އެއުރެން އެކަލާނގެ މަގުން މީސްތަކުން ފުރެއްދުމަށްޓަކައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން (ދުނިޔެމަތީގައި) އަރާމުކޮށްލަން ތިބޭށެވެ! ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުން އެނބުރިދިއުންވަނީ ނަރަކައަށެވެ.

قُل لِّعِبَادِیَ ٱلَّذِینَ ءَامَنُوا۟ یُقِیمُوا۟ ٱلصَّلَوٰةَ وَیُنفِقُوا۟ مِمَّا رَزَقۡنَـٰهُمۡ سِرࣰّا وَعَلَانِیَةࣰ مِّن قَبۡلِ أَن یَأۡتِیَ یَوۡمࣱ لَّا بَیۡعࣱ فِیهِ وَلَا خِلَـٰلٌ ﴿31﴾

إيمان ވި، ތިމަންރަސްކަލާނގެ އަޅުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެން ނަމާދު قائم ކުރާހުށިކަމެވެ! އަދި ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން ސިއްރާއި ފާޅުގައި އެއުރެން ހޭދަކުރާހުށިކަމެވެ! އެ ދުވަހެއްގައި ވިޔަފާރިއެއް ނުވަތަ ރައްޓެހިކަމެއް ނޯންނާނޭ ދުވަހެއް އައުމުގެ ކުރިންނެވެ.

ٱللَّهُ ٱلَّذِی خَلَقَ ٱلسَّمَـٰوَ ٰ⁠تِ وَٱلۡأَرۡضَ وَأَنزَلَ مِنَ ٱلسَّمَاۤءِ مَاۤءࣰ فَأَخۡرَجَ بِهِۦ مِنَ ٱلثَّمَرَ ٰ⁠تِ رِزۡقࣰا لَّكُمۡۖ وَسَخَّرَ لَكُمُ ٱلۡفُلۡكَ لِتَجۡرِیَ فِی ٱلۡبَحۡرِ بِأَمۡرِهِۦۖ وَسَخَّرَ لَكُمُ ٱلۡأَنۡهَـٰرَ ﴿32﴾

اللَّه އީ، އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެ އުޑުން ވާރޭ ވެއްސެވިއެވެ. ފަހެ، އެ ފެނުގެ ސަބަބުން ތިޔަބައިމީހުންނަށް رزق އެއް ކަމުގައި މޭވާތައް ނެރުއްވިއެވެ. އަދި އެކަލާނގެ إذن ފުޅާއެކު، އެ ތަކެތި ކަނޑުގައި ދަތުރުކުރުމަށް ތިޔަބައިމީހުންނަށްޓަކައި ނާފަހަރު خدمة ތެރި ކުރެއްވިއެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި، ކޯރުތައް خدمة ތެރިކުރެއްވިއެވެ.

وَسَخَّرَ لَكُمُ ٱلشَّمۡسَ وَٱلۡقَمَرَ دَاۤىِٕبَیۡنِۖ وَسَخَّرَ لَكُمُ ٱلَّیۡلَ وَٱلنَّهَارَ ﴿33﴾

އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި، އިރާއި ހަނދު خدمة ތެރި ކުރެއްވިއެވެ. ކެނޑިނޭޅި ހިނގާގޮތުގައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި، ރޭދުވާ خدمة ތެރި ކުރެއްވިއެވެ.

وَءَاتَىٰكُم مِّن كُلِّ مَا سَأَلۡتُمُوهُۚ وَإِن تَعُدُّوا۟ نِعۡمَتَ ٱللَّهِ لَا تُحۡصُوهَاۤۗ إِنَّ ٱلۡإِنسَـٰنَ لَظَلُومࣱ كَفَّارࣱ ﴿34﴾

އަދި އެކަލާނގެ حضرة އަށް ތިޔަބައިމީހުން ދެންނެވި ކޮންމެ އެއްޗެއް އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވިއެވެ. اللَّه ގެ نعمة ތައް ތިޔަބައިމީހުން ގުނާނަމަ، ތިޔަބައިމީހުންނަކަށް އެ نعمة ތައް عدد އެއް ނުކުރެވޭހުށްޓެވެ. ހަމަކަށަވަރުން، އިންސާނާއަކީ، އަނިޔާވެރިވުން ބޮޑު، شكر ކުރުން ނެތްމީހެކެވެ.

وَإِذۡ قَالَ إِبۡرَ ٰ⁠هِیمُ رَبِّ ٱجۡعَلۡ هَـٰذَا ٱلۡبَلَدَ ءَامِنࣰا وَٱجۡنُبۡنِی وَبَنِیَّ أَن نَّعۡبُدَ ٱلۡأَصۡنَامَ ﴿35﴾

إبراهيم ގެފާނު ވިދާޅުވި ހިނދު، ހަނދުމަކުރާށެވެ! އަޅުގެ ވެރިރަސްކަލާކޮ! މި ރަށަކީ، أمان ވެގެންވާ ރަށެއްކަމުގައި ލައްވާނދޭވެ! އަދި އަޅާއާއި، އަޅުގެ ދަރިން ބުދަށް އަޅުކަންކުރުމުން ދުރުކުރައްވާނދޭވެ!

رَبِّ إِنَّهُنَّ أَضۡلَلۡنَ كَثِیرࣰا مِّنَ ٱلنَّاسِۖ فَمَن تَبِعَنِی فَإِنَّهُۥ مِنِّیۖ وَمَنۡ عَصَانِی فَإِنَّكَ غَفُورࣱ رَّحِیمࣱ ﴿36﴾

އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އެ ބުދުތައް މީސްތަކުންކުރެ ގިނަބަޔަކު މަގުފުރައްދައިފިއެވެ. ފަހެ، މި އަޅާޔަށް تبع ވެއްޖެ މީހަކީ، ހަމަކަށަވަރުން، އަޅުގެ (دين ގެ) މީހެކެވެ. އަދި އަޅާޔަށް އުރެދިއްޖެމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.

رَّبَّنَاۤ إِنِّیۤ أَسۡكَنتُ مِن ذُرِّیَّتِی بِوَادٍ غَیۡرِ ذِی زَرۡعٍ عِندَ بَیۡتِكَ ٱلۡمُحَرَّمِ رَبَّنَا لِیُقِیمُوا۟ ٱلصَّلَوٰةَ فَٱجۡعَلۡ أَفۡـِٔدَةࣰ مِّنَ ٱلنَّاسِ تَهۡوِیۤ إِلَیۡهِمۡ وَٱرۡزُقۡهُم مِّنَ ٱلثَّمَرَ ٰ⁠تِ لَعَلَّهُمۡ یَشۡكُرُونَ ﴿37﴾

އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ ދަރިންކުރެ ބަޔަކު، ގަހެއް ރުކެއް ނެތް وادى އެއްގައި، حرمة ތެރި ކުރައްވާފައިވާ އިބަރަސްކަލާނގެ ގެފުޅު އަރިހުގައި، ވަޒަންވެރިކޮށްފީމެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުރެން ނަމާދު قائم ކޮށް އުޅުމަށްޓަކައެވެ. ފަހެ، މީސްތަކުންކުރެ ބަޔެއްގެ ހިތްތައް އެއުރެންގެ ފަރާތަށް ލަންބަވާނދޭވެ! އަދި މޭވާތަކުން އެއުރެންނަށް رزق ދެއްވާނދޭވެ! (އެއީ) އެއުރެން شكر ވެރި ވުމަށްޓަކައެވެ.

رَبَّنَاۤ إِنَّكَ تَعۡلَمُ مَا نُخۡفِی وَمَا نُعۡلِنُۗ وَمَا یَخۡفَىٰ عَلَى ٱللَّهِ مِن شَیۡءࣲ فِی ٱلۡأَرۡضِ وَلَا فِی ٱلسَّمَاۤءِ ﴿38﴾

އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅަމެން ވަންހަނާކުރާ ކަންތަކާއި، އަޅަމެން ފާޅުކުރާ ކަންތައް، އިބަރަސްކަލާނގެ ދެނެވޮޑިގެންވަމުއެވެ. އަދި ބިމުގައްޔާއި، އުޑުގައިވާ އެއްވެސް އެއްޗެއް، اللَّه އަށް ވަންހަނާވެގެނެއް ނުވެއެވެ.

ٱلۡحَمۡدُ لِلَّهِ ٱلَّذِی وَهَبَ لِی عَلَى ٱلۡكِبَرِ إِسۡمَـٰعِیلَ وَإِسۡحَـٰقَۚ إِنَّ رَبِّی لَسَمِیعُ ٱلدُّعَاۤءِ ﴿39﴾

حمد ހުރީ، اللَّه އަށެވެ. އެކަލާނގެއީ، އަޅު، މުސްކުޅިވެފައިވަނިކޮށް، އަޅާއަށް إسماعيل އާއި، إسحاق ދެއްވި ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އަޅުގެ ވެރިރަސްކަލާނގެއީ، دعاء އައްސަވާވޮޑިގެންވާ ރަސްކަލާނގެކަން ކަށަވަރެވެ.

رَبِّ ٱجۡعَلۡنِی مُقِیمَ ٱلصَّلَوٰةِ وَمِن ذُرِّیَّتِیۚ رَبَّنَا وَتَقَبَّلۡ دُعَاۤءِ ﴿40﴾

އަޅުގެ ވެރިރަސްކަލާކޮ! އަޅާއީ، ނަމާދު قائم ކޮށްއުޅޭ މީހެއްކަމުގައި ލައްވާނދޭވެ! އަދި އަޅާގެ ދަރިންކުރެންވެސްމެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަދި އަޅުގެ دعاء قبول ކުރައްވާނދޭވެ!

رَبَّنَا ٱغۡفِرۡ لِی وَلِوَ ٰ⁠لِدَیَّ وَلِلۡمُؤۡمِنِینَ یَوۡمَ یَقُومُ ٱلۡحِسَابُ ﴿41﴾

އަޅަމެންގެ ވެރިރަސްކަލާކޮ! حساب قائم ވާ ދުވަހު، އަޅާއަށާއި، އަޅުގެ މައިންބަފައިންނަށާއި، مؤمن ތަކުންނަށް ފާފަފުއްސަވާނދޭވެ!

وَلَا تَحۡسَبَنَّ ٱللَّهَ غَـٰفِلًا عَمَّا یَعۡمَلُ ٱلظَّـٰلِمُونَۚ إِنَّمَا یُؤَخِّرُهُمۡ لِیَوۡمࣲ تَشۡخَصُ فِیهِ ٱلۡأَبۡصَـٰرُ ﴿42﴾

އަނިޔާވެރިން ކުރާ ކަންތަކާމެދު، اللَّه، غافل ވެ ވޮޑިގެންވާކަމަށް ކަލޭގެފާނު ހީފުޅުނުކުރައްވާ ހުށިކަމެވެ! އެކަލާނގެ އެއުރެން ފަސްކުރައްވާކަން ކަށަވަރީ (ކަންތައް ބޮޑުވެ) ލޯތައް ހުޅުވޭ ދުވަހަކަށެވެ.

مُهۡطِعِینَ مُقۡنِعِی رُءُوسِهِمۡ لَا یَرۡتَدُّ إِلَیۡهِمۡ طَرۡفُهُمۡۖ وَأَفۡـِٔدَتُهُمۡ هَوَاۤءࣱ ﴿43﴾

އެއުރެން އިސްއުފުލައި އަވަސްއަވަހަށް ހިނގާފައި ދާނެތެވެ. އެއުރެންގެ ލޮލުގެ އެސްފިޔަވެސް ޖަހައިނުލެވޭހުށްޓެވެ. އަދި އެއުރެންގެ ހިތްތައް ވާނީ، އެކައްޗެއްވެސް ނެތި ހުސްވެފައެވެ.

وَأَنذِرِ ٱلنَّاسَ یَوۡمَ یَأۡتِیهِمُ ٱلۡعَذَابُ فَیَقُولُ ٱلَّذِینَ ظَلَمُوا۟ رَبَّنَاۤ أَخِّرۡنَاۤ إِلَىٰۤ أَجَلࣲ قَرِیبࣲ نُّجِبۡ دَعۡوَتَكَ وَنَتَّبِعِ ٱلرُّسُلَۗ أَوَلَمۡ تَكُونُوۤا۟ أَقۡسَمۡتُم مِّن قَبۡلُ مَا لَكُم مِّن زَوَالࣲ ﴿44﴾

އެއުރެންނަށް عذاب އަންނަ ދުވަހާމެދު، ކަލޭގެފާނު މީސްތަކުންނަށް إنذار ކުރައްވާށެވެ! ފަހެ، އަނިޔާވެރިވި މީހުން ބުނާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ކައިރި މުއްދަތަކަށް އަޅަމެން ފަސްކުރައްވާނދޭވެ! އޭރުން އިބަރަސްކަލާނގެ ގޮވައިލެއްވުމަށް އަޅަމެން އިޖާބަދޭ ހުށީމުއެވެ. އަދި رسول ންނަށް تبع ވާ ހުށީމުއެވެ. (ޖަވާބުގައި ބުނެވޭނެތެވެ.) ތިޔަބައިމީހުންނަށް (ދުނިޔެއިން) ނެތިދިއުމެއް ނާންނާނެކަމަށް މީގެކުރިން ތިޔަބައިމީހުން ހުވާކޮށް ނޫޅެމުހެއްޔެވެ؟

وَسَكَنتُمۡ فِی مَسَـٰكِنِ ٱلَّذِینَ ظَلَمُوۤا۟ أَنفُسَهُمۡ وَتَبَیَّنَ لَكُمۡ كَیۡفَ فَعَلۡنَا بِهِمۡ وَضَرَبۡنَا لَكُمُ ٱلۡأَمۡثَالَ ﴿45﴾

އަދި އެއުރެންގެ އަމިއްލަ نفس ތަކަށް އަނިޔާވެރިވި މީހުން އުޅުނު ތަންތާނގައި ތިޔަބައިމީހުން އުޅުނީމުއެވެ. އަދި އެއުރެންނާމެދު ތިމަންރަސްކަލާނގެ ކަންތައްކުރެއްވިގޮތް ތިޔަބައިމީހުންނަށް ބަޔާންވެ އެނގިފައިވެއެވެ. އަދި ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ مثال ތައް ޖައްސަވައިދެއްވީމެވެ.

وَقَدۡ مَكَرُوا۟ مَكۡرَهُمۡ وَعِندَ ٱللَّهِ مَكۡرُهُمۡ وَإِن كَانَ مَكۡرُهُمۡ لِتَزُولَ مِنۡهُ ٱلۡجِبَالُ ﴿46﴾

ހަމަކަށަވަރުން، އެއުރެންގެ ރޭވުންތައް ރޭވޫއެވެ. އަދި އެއުރެންގެ ރޭވުންތައްވަނީ، اللَّه ގެ حضرة ގައެވެ. (އެބަހީ: އެ ރޭވުންތައް اللَّه ދެނެވޮޑިގެންވެތެވެ.) އަދި އެއުރެންގެ ރޭވުންތަކުން ފަރުބަދަތައް ނެއްތައިނުލެވޭހުށްޓެވެ.

فَلَا تَحۡسَبَنَّ ٱللَّهَ مُخۡلِفَ وَعۡدِهِۦ رُسُلَهُۥۤۚ إِنَّ ٱللَّهَ عَزِیزࣱ ذُو ٱنتِقَامࣲ ﴿47﴾

ފަހެ، اللَّه، އެކަލާނގެ رسول ންނަށް ކުރައްވާފައިވާ وعد އާ خلاف ވެ ވޮޑިގަންނަވާނެކަމަށް ކަލޭގެފާނު ހީފުޅުނުކުރައްވާ ހުށިކަމެވެ! ހަމަކަށަވަރުން، اللَّه އީ، ބަދަލުހިއްޕެވުމުގެވެރި، عزيز ވަންތަ ރަސްކަލާނގެއެވެ.

یَوۡمَ تُبَدَّلُ ٱلۡأَرۡضُ غَیۡرَ ٱلۡأَرۡضِ وَٱلسَّمَـٰوَ ٰ⁠تُۖ وَبَرَزُوا۟ لِلَّهِ ٱلۡوَ ٰ⁠حِدِ ٱلۡقَهَّارِ ﴿48﴾

އެދުވަހުން، ބިން އެހެން ބިމަކަށް، އަދި އުޑުތައް (އެހެން އުޑުތަކަކަށް) ބަދަލުކުރައްވާނެތެވެ. އަދި އެއްކައުވަންތަ، ބާރުވެރިވަންތަ اللَّه ގެ حضرة އަށް އެންމެން ނުކުންނާނެތެވެ.

وَتَرَى ٱلۡمُجۡرِمِینَ یَوۡمَىِٕذࣲ مُّقَرَّنِینَ فِی ٱلۡأَصۡفَادِ ﴿49﴾

އަދި އެދުވަހުން، ކުށްވެރިންތައް އެކުއެކުގައި ކަސްތަޅު އެޅިފައިވާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ.

سَرَابِیلُهُم مِّن قَطِرَانࣲ وَتَغۡشَىٰ وُجُوهَهُمُ ٱلنَّارُ ﴿50﴾

އެއުރެންގެ ފޭރާން ވަނީ ކަތުރާނުންނެވެ. އަދި އަލިފާން، އެއުރެންގެ މޫނުތައް ފޮރުވައިލާނެތެވެ.

لِیَجۡزِیَ ٱللَّهُ كُلَّ نَفۡسࣲ مَّا كَسَبَتۡۚ إِنَّ ٱللَّهَ سَرِیعُ ٱلۡحِسَابِ ﴿51﴾

(އެއީ) اللَّه، ކޮންމެ نفس އަކަށްމެ، އެ نفس އެއް ހޯދިކަމެއްގެ ޖަޒާ ދެއްވުމަށްޓަކައެވެ. ހަމަކަށަވަރުން، اللَّه އީ، حساب ބެއްލެވުން އަވަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ.

هَـٰذَا بَلَـٰغࣱ لِّلنَّاسِ وَلِیُنذَرُوا۟ بِهِۦ وَلِیَعۡلَمُوۤا۟ أَنَّمَا هُوَ إِلَـٰهࣱ وَ ٰ⁠حِدࣱ وَلِیَذَّكَّرَ أُو۟لُوا۟ ٱلۡأَلۡبَـٰبِ ﴿52﴾

މި قرآن އަކީ (އެންމެހާ) މީސްތަކުންނަށް އެއިން إنذار ކުރެއްވުމަށްޓަކައި އޮތް އެންގެވުމެކެވެ. އަދި ހަމަކަށަވަރުން، އެކަލާނގެއީ، އެއްކައުވަންތަ ކަލާނގެކަން އެއުރެން ދެނެގަތުމަށާއި، އަދި ބުއްދީގެ أهل ވެރިން نصيحة ލިބިގަތުމަށްޓަކައެވެ.