Main pages

Surah The Prostration [As-Sajda] in Divehi

Surah The Prostration [As-Sajda] Ayah 30 Location Makkah Number 32

الۤمۤ ﴿1﴾

ا ل م (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.)

تَنزِیلُ ٱلۡكِتَـٰبِ لَا رَیۡبَ فِیهِ مِن رَّبِّ ٱلۡعَـٰلَمِینَ ﴿2﴾

މިއީ عالم ތަކުގެ ވެރިރަސްކަލާނގެ حضرة ން ބާވައިލެއްވި ފޮތެވެ. އެއާމެދު شك އެއް ނެތެވެ.

أَمۡ یَقُولُونَ ٱفۡتَرَىٰهُۚ بَلۡ هُوَ ٱلۡحَقُّ مِن رَّبِّكَ لِتُنذِرَ قَوۡمࣰا مَّاۤ أَتَىٰهُم مِّن نَّذِیرࣲ مِّن قَبۡلِكَ لَعَلَّهُمۡ یَهۡتَدُونَ ﴿3﴾

ނުވަތަ އެކަލޭގެފާނު އަމިއްލަފުޅަށް އެ قرآن ހެއްދެވިކަމަށް އެއުރެން ބުނަނީ ހެއްޔެވެ؟ އަދި ކިއެއްތަ! އެއީ ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން އައި حق ފޮތެވެ. އެއީ ކަލޭގެފާނުގެ ކުރިން އެބަޔަކަށް إنذار ކުރައްވާނޭ رسول އަކު ވަޑައިނުގަންނަވާ قوم އެއްގެ ބަޔަކަށް ކަލޭގެފާނު إنذار ކުރެއްވުމަށްޓަކައެވެ. (އެއީ) އެއުރެން ތެދުމަގު ލިބިގަތުމަށްޓަކައެވެ.

ٱللَّهُ ٱلَّذِی خَلَقَ ٱلسَّمَـٰوَ ٰ⁠تِ وَٱلۡأَرۡضَ وَمَا بَیۡنَهُمَا فِی سِتَّةِ أَیَّامࣲ ثُمَّ ٱسۡتَوَىٰ عَلَى ٱلۡعَرۡشِۖ مَا لَكُم مِّن دُونِهِۦ مِن وَلِیࣲّ وَلَا شَفِیعٍۚ أَفَلَا تَتَذَكَّرُونَ ﴿4﴾

اللَّه އީ، އުޑުތަކާއި، ބިމާއި، އެދެމެދުގައި ވާހާ ތަކެތި ހަދުވަހުގެ ތެރޭގައި ހެއްދެވި ރަސްކަލާނގެއެވެ. ދެން عرش ގެ މައްޗަށް އެކަލާނގެ استواء ވެ ވޮޑިގެންނެވިއެވެ. އެކަލާނގެ ފިޔަވައި ތިޔަބައިމީހުންނަށް އެހީތެރިވާނޭ ފަރާތެއް، އަދި شفاعة ތެރިވާނޭ ފަރާތެއްވެސް ނުވެތެވެ. ފަހެ، ތިޔަބައިމީހުން ހަނދުމަ ނުކުރަނީ ހެއްޔެވެ؟

یُدَبِّرُ ٱلۡأَمۡرَ مِنَ ٱلسَّمَاۤءِ إِلَى ٱلۡأَرۡضِ ثُمَّ یَعۡرُجُ إِلَیۡهِ فِی یَوۡمࣲ كَانَ مِقۡدَارُهُۥۤ أَلۡفَ سَنَةࣲ مِّمَّا تَعُدُّونَ ﴿5﴾

އުޑުން ފެށިގެން ބިމާ ހަމަޔަށް ހުރިހާ ކަމެއް އެކަލާނގެ تدبير ކުރައްވަތެވެ. ދެން ތިޔަބައިމީހުން ގުނާގޮތުން އެއްހާސް އަހަރުގެ މިންވަރުގެ ދުވަހެއްގައި، އެހުރިހާ ކަމެއް އެކަލާނގެ حضرة އަށް އަރައިގެންދެއެވެ.

ذَ ٰ⁠لِكَ عَـٰلِمُ ٱلۡغَیۡبِ وَٱلشَّهَـٰدَةِ ٱلۡعَزِیزُ ٱلرَّحِیمُ ﴿6﴾

އެކަލާނގެއީ، ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ، عزيز ވަންތަ، رحيم ވަންތަ ރަސްކަލާނގެއެވެ.

ٱلَّذِیۤ أَحۡسَنَ كُلَّ شَیۡءٍ خَلَقَهُۥۖ وَبَدَأَ خَلۡقَ ٱلۡإِنسَـٰنِ مِن طِینࣲ ﴿7﴾

އެކަލާނގެއީ، ހުރިހާ އެއްޗެއް ފުރިހަމަ ސިފައިގައި ހެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެ އިންސާނާ ހެއްދެވުން ފެއްޓެވީ މަށިންނެވެ.

ثُمَّ جَعَلَ نَسۡلَهُۥ مِن سُلَـٰلَةࣲ مِّن مَّاۤءࣲ مَّهِینࣲ ﴿8﴾

ދެން އެކަލާނގެ އެ އިންސާނާގެ ދަރިފަސްކޮޅު ދެރަވެގެންވާ ފެނެއްގެ خلاصة އަކުން ހެއްދެވިއެވެ.

ثُمَّ سَوَّىٰهُ وَنَفَخَ فِیهِ مِن رُّوحِهِۦۖ وَجَعَلَ لَكُمُ ٱلسَّمۡعَ وَٱلۡأَبۡصَـٰرَ وَٱلۡأَفۡـِٔدَةَۚ قَلِیلࣰا مَّا تَشۡكُرُونَ ﴿9﴾

ދެން އޭނާޔަށް ފުރިހަމަ ސިފަ ދެއްވައި، އެކަލާނގެ روح ފުޅުން އޭނާޔަށް ފުމެލެއްވިއެވެ. (އެބަހީ: ފުރާނަ އެޅުއްވިއެވެ.) އަދި އެކަލާނގެ ތިޔަބައިމީހުންނަށް އިވުމާއި، ފެނުމާއި، ހިތްތައް ލެއްވިއެވެ. ތިޔަބައިމީހުން شكر ކުރަނީ ވަރަށްވެސް މަދުންނެވެ.

وَقَالُوۤا۟ أَءِذَا ضَلَلۡنَا فِی ٱلۡأَرۡضِ أَءِنَّا لَفِی خَلۡقࣲ جَدِیدِۭۚ بَلۡ هُم بِلِقَاۤءِ رَبِّهِمۡ كَـٰفِرُونَ ﴿10﴾

އެއުރެން ބުނޫއެވެ. ތިމަންމެން (މަރުވެ) ބިމުގެ ތެރޭގައި (ވެއްޔަށްވެ) ފޮރުވުނީމާ، އަލުން އާ އުފެދުމަކުން އުފެދޭނޭ ހެއްޔެވެ؟ އަދި ކީއްހެއްޔެވެ؟ އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެއާ ބައްދަލުވާނެކަމަށް ދެކޮޅު ހަދާ ބަޔެކެވެ.

۞ قُلۡ یَتَوَفَّىٰكُم مَّلَكُ ٱلۡمَوۡتِ ٱلَّذِی وُكِّلَ بِكُمۡ ثُمَّ إِلَىٰ رَبِّكُمۡ تُرۡجَعُونَ ﴿11﴾

ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ މަރުހިއްޕެވުން حوال ކުރައްވާފައިވާ ملك الموت ތިޔަބައިމީހުންގެ މަރު ހިއްޕަވާނެތެވެ. ދެން ތިޔަބައިމީހުން رجوع ކުރައްވާހުށީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة އަށެވެ.

وَلَوۡ تَرَىٰۤ إِذِ ٱلۡمُجۡرِمُونَ نَاكِسُوا۟ رُءُوسِهِمۡ عِندَ رَبِّهِمۡ رَبَّنَاۤ أَبۡصَرۡنَا وَسَمِعۡنَا فَٱرۡجِعۡنَا نَعۡمَلۡ صَـٰلِحًا إِنَّا مُوقِنُونَ ﴿12﴾

އަދި ފާފަކުރި މީހުން، އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި، ދެރަވެ އިސްޖަހައިގެން ތިބޭތަން ތިބާޔަށް ފެންނާނެ ނަމައެވެ. (އޭރުން حيران ވާފަދަ ކަންތައްތަކެއް ތިބާޔަށް ފެނުނީހެވެ. އެއުރެން ބުނާނެތެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ފެނިއްޖެއެވެ. އަދި އިވިއްޖެއެވެ. ފަހެ، އަޅަމެން صالح عمل ކުރުމަށް އަނބުރާ އަޅަމެން (ދުނިޔެއަށް) ފޮނުއްވާނދޭވެ! ހަމަކަށަވަރުން، އަޅަމެންނީ، يقين ކުރާ ބަޔަކީމުއެވެ.

وَلَوۡ شِئۡنَا لَـَٔاتَیۡنَا كُلَّ نَفۡسٍ هُدَىٰهَا وَلَـٰكِنۡ حَقَّ ٱلۡقَوۡلُ مِنِّی لَأَمۡلَأَنَّ جَهَنَّمَ مِنَ ٱلۡجِنَّةِ وَٱلنَّاسِ أَجۡمَعِینَ ﴿13﴾

އަދި ތިމަންރަސްކަލާނގެ އިރާދަކުރެއްވިނަމަ، ކޮންމެ نفس އަކަށްމެ އެ نفس އެއްގެ هداية ދެއްވީމުހެވެ. އެހެނެއްކަމަކު (ފާފަކުރާ) ޖިންނީންނާއި އިންސީން އެއްކޮށް، ހަމަކަށަވަރުން، ނަރަކަ ފުރުއްވާނޭކަމުގެ ބަސްފުޅު ތިމަންރަސްކަލާނގެ حضرة ން އިސްވެގޮސްފައިވެއެވެ.

فَذُوقُوا۟ بِمَا نَسِیتُمۡ لِقَاۤءَ یَوۡمِكُمۡ هَـٰذَاۤ إِنَّا نَسِینَـٰكُمۡۖ وَذُوقُوا۟ عَذَابَ ٱلۡخُلۡدِ بِمَا كُنتُمۡ تَعۡمَلُونَ ﴿14﴾

ފަހެ، ތިޔަބައިމީހުންގެ މިދުވަހާ ބައްދަލުވާނޭކަން ތިޔަބައިމީހުން ހަނދާން ނައްތައިލި ކަމަށްޓަކައި، ތިޔަބައިމީހުން عذاب ގެ ރަހަ ލިބިގަންނާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ މަތިން ހަނދުމަނެތި ކުރައްވައިފީމެވެ. އަދި ތިޔަބައިމީހުން ކޮށްއުޅުނު عمل ތަކަށްޓަކައި ދެމިހުންނަނިވި عذاب ގެ ރަހަ، ތިޔަބައިމީހުން ލިބިގަންނާށެވެ!

إِنَّمَا یُؤۡمِنُ بِـَٔایَـٰتِنَا ٱلَّذِینَ إِذَا ذُكِّرُوا۟ بِهَا خَرُّوا۟ سُجَّدࣰا وَسَبَّحُوا۟ بِحَمۡدِ رَبِّهِمۡ وَهُمۡ لَا یَسۡتَكۡبِرُونَ ۩ ﴿15﴾

ތިމަންރަސްކަލާނގެ آية ތަކަށް إيمان ވާކަން ކަށަވަރީ، އެ آية ތައް އެބަޔަކަށް ހަނދާންކޮށްދެވޭހިނދު، سجدة އަށް ތިރިވެ، އެއުރެންގެ ވެރިރަސްކަލާނގެއަށް حمد އާއެކު تسبيح ކިޔާ މީހުންނެވެ. އަދި އެއުރެން كبر ވެރިއެއް ނުވާނެތެވެ.

تَتَجَافَىٰ جُنُوبُهُمۡ عَنِ ٱلۡمَضَاجِعِ یَدۡعُونَ رَبَّهُمۡ خَوۡفࣰا وَطَمَعࣰا وَمِمَّا رَزَقۡنَـٰهُمۡ یُنفِقُونَ ﴿16﴾

އެއުރެންގެ ވެރިރަސްކަލާނގެ حضرة އަށް ބިރުވެތިކަމާއި އުންމީދާއެކު دعاء ކުރާ حال، އެއުރެންގެ އަރިކަށިތައް (ރޭއަޅުކަންކުރުމަށްޓަކައި) ތަންމަތިތަކާ ފޭވެއެވެ. އަދި ތިމަންރަސްކަލާނގެ، އެއުރެންނަށް ދެއްވި ތަކެތީން، އެއުރެން ހޭދަކުރެތެވެ.

فَلَا تَعۡلَمُ نَفۡسࣱ مَّاۤ أُخۡفِیَ لَهُم مِّن قُرَّةِ أَعۡیُنࣲ جَزَاۤءَۢ بِمَا كَانُوا۟ یَعۡمَلُونَ ﴿17﴾

ފަހެ، އެއުރެންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ نعمة ތައް) އެއްވެސް نفس އަކަށް ނޭނގޭނެތެވެ. (އެއީ) އެއުރެން ކޮށްއުޅުނު عمل ތަކުގެ ޖަޒާއެއް ކަމުގައެވެ.

أَفَمَن كَانَ مُؤۡمِنࣰا كَمَن كَانَ فَاسِقࣰاۚ لَّا یَسۡتَوُۥنَ ﴿18﴾

ފަހެ، مؤمن އަކު ކަމުގައިވާ މީހާއާއި (އުރެދޭ) فاسق އަކު ކަމުގައިވާ މީހާ އެއްފަދަހެއްޔެވެ؟ އެ ދެބައިމީހުން އެއްވަރެއް ނުވާނެތެވެ.

أَمَّا ٱلَّذِینَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فَلَهُمۡ جَنَّـٰتُ ٱلۡمَأۡوَىٰ نُزُلَۢا بِمَا كَانُوا۟ یَعۡمَلُونَ ﴿19﴾

إيمان ވެ صالح عمل ތައް ކުޅަ މީހުން ދަންނާށެވެ! ފަހެ، އެއުރެން ކޮށްއުޅުނު عمل ތަކަށްޓަކައި، ދެއްވާ شرف އެއްގެ ގޮތުން، އެއުރެންނަށް ދެމިތިބޭނޭ ސުވަރުގެތައް ހުށްޓެވެ.

وَأَمَّا ٱلَّذِینَ فَسَقُوا۟ فَمَأۡوَىٰهُمُ ٱلنَّارُۖ كُلَّمَاۤ أَرَادُوۤا۟ أَن یَخۡرُجُوا۟ مِنۡهَاۤ أُعِیدُوا۟ فِیهَا وَقِیلَ لَهُمۡ ذُوقُوا۟ عَذَابَ ٱلنَّارِ ٱلَّذِی كُنتُم بِهِۦ تُكَذِّبُونَ ﴿20﴾

އަދި (كافر ވެ) فاسق ވި މީހުން ދަންނާށެވެ! ފަހެ، އެއުރެން ތިބެނިވިތަނަކީ ނަރަކައެވެ. އެއުރެން އެތަނުން ނުކުންނަން އުޅެފި ކޮންމެ ފަހަރަކު، އެތަނަށް އެއުރެން އަނބުރާ إعادة ކުރައްވާނެތެވެ. އަދި އެއުރެންނަށް އަންގަވާނެތެވެ. ތިޔަބައިމީހުން ދޮގުކޮށް އުޅުނު ނަރަކައިގެ عذاب ގެ ރަހަ، ތިޔަބައިމީހުން ލިބިގަންނާށެވެ!

وَلَنُذِیقَنَّهُم مِّنَ ٱلۡعَذَابِ ٱلۡأَدۡنَىٰ دُونَ ٱلۡعَذَابِ ٱلۡأَكۡبَرِ لَعَلَّهُمۡ یَرۡجِعُونَ ﴿21﴾

އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެންމެބޮޑު عذاب (އެބަހީ: ނަރަކައިގެ عذاب) ފިޔަވައި ލުއި عذاب ން (އެބަހީ: ދުނިޔެމަތީގެ عذاب ން) އެއުރެންނަށް ރަހަ ދައްކަވާހުށީމެވެ. (އެއީ) އެއުރެން (إيمان ކަމަށް) رجوع ވުމަށްޓަކައެވެ.

وَمَنۡ أَظۡلَمُ مِمَّن ذُكِّرَ بِـَٔایَـٰتِ رَبِّهِۦ ثُمَّ أَعۡرَضَ عَنۡهَاۤۚ إِنَّا مِنَ ٱلۡمُجۡرِمِینَ مُنتَقِمُونَ ﴿22﴾

އެމީހެއްގެ ވެރިރަސްކަލާނގެ آية ތަކުން އެމީހަކަށް ހަނދާންކޮށްދެއްވުމުން، ދެން އެ آية ތަކަށް ފުރަގަސްދީ އެނބުރިގަތް މީހަކަށްވުރެން އަނިޔާވެރިކަން ބޮޑީ ކާކުހެއްޔެވެ؟ ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ކުށްވެރިންގެ ކިބައިން ބަދަލުހިއްޕަވާހުށީމެވެ.

وَلَقَدۡ ءَاتَیۡنَا مُوسَى ٱلۡكِتَـٰبَ فَلَا تَكُن فِی مِرۡیَةࣲ مِّن لِّقَاۤىِٕهِۦۖ وَجَعَلۡنَـٰهُ هُدࣰى لِّبَنِیۤ إِسۡرَ ٰ⁠ۤءِیلَ ﴿23﴾

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ موسى ގެފާނަށް ފޮތް ދެއްވީމެވެ. ފަހެ، އެކަލޭގެފާނަށް އެ ފޮތް ލިބިވަޑައިގަތްކަމާމެދު ކަލޭގެފާނު شك ކަމެއްގައި ވެވަޑައިނުގަންނަވާށެވެ! އަދި إسـرآءيـل ގެދަރިންނަށް هداية އެއް ކަމުގައި ތިމަންރަސްކަލާނގެ އެ ފޮތް ލެއްވީމެވެ.

وَجَعَلۡنَا مِنۡهُمۡ أَىِٕمَّةࣰ یَهۡدُونَ بِأَمۡرِنَا لَمَّا صَبَرُوا۟ۖ وَكَانُوا۟ بِـَٔایَـٰتِنَا یُوقِنُونَ ﴿24﴾

އަދި އެއުރެން ކެތްތެރިވީހިނދު، ތިމަންރަސްކަލާނގެ أمر ފުޅަށް ތެދުމަގު ދައްކަވާ إمام ންތަކެއް ތިމަންރަސްކަލާނގެ އެއުރެންގެ ތެރެއިން ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ آية ތަކާމެދު يقين ކުރާ ކަމުގައި އެއުރެން ވޫއެވެ.

إِنَّ رَبَّكَ هُوَ یَفۡصِلُ بَیۡنَهُمۡ یَوۡمَ ٱلۡقِیَـٰمَةِ فِیمَا كَانُوا۟ فِیهِ یَخۡتَلِفُونَ ﴿25﴾

ހަމަކަށަވަރުން، އެއުރެން خلاف ވެގެން އުޅުނު ކަންތައްތަކާމެދު، قيامة ދުވަހުން ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެއުރެންގެ މެދުގައި ނިޔާކަނޑައަޅުއްވާނެތެވެ.

أَوَلَمۡ یَهۡدِ لَهُمۡ كَمۡ أَهۡلَكۡنَا مِن قَبۡلِهِم مِّنَ ٱلۡقُرُونِ یَمۡشُونَ فِی مَسَـٰكِنِهِمۡۚ إِنَّ فِی ذَ ٰ⁠لِكَ لَـَٔایَـٰتٍۚ أَفَلَا یَسۡمَعُونَ ﴿26﴾

އަދި އެއުރެންގެ ކުރިން ތިމަންރަސްކަލާނގެ ކިތައްކިތައް أمّة ހަލާކުކުރެއްވިކަން އެއުރެންނަށް بيان ވެގެން ނުވޭހެއްޔެވެ؟ އެއުރެންގެ ގޮވަތިގެދޮރުހުރި ތަންތާނގައި އެއުރެން ހިނގަހިނގާއުޅޭ حال ގައެވެ. ހަމަކަށަވަރުން، އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ. ފަހެ، އެއުރެން އަޑުނާހަނީ ހެއްޔެވެ؟

أَوَلَمۡ یَرَوۡا۟ أَنَّا نَسُوقُ ٱلۡمَاۤءَ إِلَى ٱلۡأَرۡضِ ٱلۡجُرُزِ فَنُخۡرِجُ بِهِۦ زَرۡعࣰا تَأۡكُلُ مِنۡهُ أَنۡعَـٰمُهُمۡ وَأَنفُسُهُمۡۚ أَفَلَا یُبۡصِرُونَ ﴿27﴾

އަދި ގަހެއް ރުކެއް ނެތް ހިކި ބިމަށް، ތިމަންރަސްކަލާނގެ ފެން ފޮނުއްވައި، އެއިން އެއުރެންގެ ޖަނަވާރުތަކާއި خود އެއުރެން ކައިއުޅޭ ގަސްގަހާގެހި ނެރުއްވާކަން އެއުރެންނަށް ނޭނގެނީހެއްޔެވެ؟ (އެކަލާނގެ ކުޅަދުންވަންތަކަން) އެއުރެންނަށް ނުފެންނަނީ ހެއްޔެވެ؟

وَیَقُولُونَ مَتَىٰ هَـٰذَا ٱلۡفَتۡحُ إِن كُنتُمۡ صَـٰدِقِینَ ﴿28﴾

އެއުރެން ބުނެތެވެ. ތިޔަބައިމީހުންނީ، ތެދުބުނާމީހުން ކަމުގައި ވަނީނަމަ، ތިޔަ فيصلة ވާނީ ކޮންއިރަކުން ހެއްޔެވެ؟

قُلۡ یَوۡمَ ٱلۡفَتۡحِ لَا یَنفَعُ ٱلَّذِینَ كَفَرُوۤا۟ إِیمَـٰنُهُمۡ وَلَا هُمۡ یُنظَرُونَ ﴿29﴾

ކަލޭގެފާނު ވިދާޅުވާށެވެ! ނިޔާ އިއްވަވާ ދުވަހު (އެބަހީ: قيامة ދުވަހުން) كافر ވި މީހުންނަކަށް އެއުރެން إيمان ވުމަކުން މަންފާއެއް ނުކުރާނެތެވެ. އަދި އެއުރެންނަކަށް مهلة އެއްވެސް ނުމެދެއްވާނޭމެއެވެ.

فَأَعۡرِضۡ عَنۡهُمۡ وَٱنتَظِرۡ إِنَّهُم مُّنتَظِرُونَ ﴿30﴾

ފަހެ، ކަލޭގެފާނު އެއުރެންނާ އެއްކިބާވެވަޑައިގަންނަވާށެވެ! އަދި ކަލޭގެފާނު انتظار ކުރައްވާށެވެ! ހަމަކަށަވަރުން، އެއުރެންވެސް انتظار ކުރެތެވެ.