Settings
Surah Explained in detail [Fussilat] in Divehi
حمۤ ﴿1﴾
ح م (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.)
تَنزِیلࣱ مِّنَ ٱلرَّحۡمَـٰنِ ٱلرَّحِیمِ ﴿2﴾
މިއީ رحمن ވަންތަ رحيم ވަންތަ ރަސްކަލާނގެ حضرة ން ބާވައިލެއްވި ފޮތެކެވެ.
كِتَـٰبࣱ فُصِّلَتۡ ءَایَـٰتُهُۥ قُرۡءَانًا عَرَبِیࣰّا لِّقَوۡمࣲ یَعۡلَمُونَ ﴿3﴾
އެފޮތުގެ آية ތައް تفصيل ކޮށްދެއްވާފައިވާ ފޮތެކެވެ. عرب ބަހުންވާ قرآن އެއްގެ ގޮތުގައެވެ. (އެއީ އެކަން) ދަންނަ ބަޔަކަށްޓަކައެވެ.
بَشِیرࣰا وَنَذِیرࣰا فَأَعۡرَضَ أَكۡثَرُهُمۡ فَهُمۡ لَا یَسۡمَعُونَ ﴿4﴾
އުފާވެރިކަމުގެ خبر ދޭ، އަދި ބިރުވެރިކަމުގެ خبر ދޭ ފޮތެއްކަމުގައެވެ. ފަހެ، އެއުރެންކުރެ ގިނަމީހުން ފުރަގަސްދީ އެނބުރިގަތޫއެވެ. ފަހެ، އެއުރެން އަޑެއް ނާހަތެވެ.
وَقَالُوا۟ قُلُوبُنَا فِیۤ أَكِنَّةࣲ مِّمَّا تَدۡعُونَاۤ إِلَیۡهِ وَفِیۤ ءَاذَانِنَا وَقۡرࣱ وَمِنۢ بَیۡنِنَا وَبَیۡنِكَ حِجَابࣱ فَٱعۡمَلۡ إِنَّنَا عَـٰمِلُونَ ﴿5﴾
އަދި އެއުރެން ބުނޫއެވެ. ތިމަންމެންގެ ހިތްތައްވަނީ، ކަލޭގެފާނު ތިޔަ ގޮވައިލައްވާ އެއްޗަކަށް ބަންދުކަމެއްގައެވެ. އަދި ތިމަންމެންގެ ކަންފަތްތަކުގައި ބީރުކަމެއްވެއެވެ. އަދި ތިމަންމެންނާއި، ކަލޭގެފާނާ ދެމެދުގައި ފަރުދާއެއްވެއެވެ. ފަހެ (ކަލޭގެފާނުގެ ގޮތުގައި) ކަލޭގެފާނު މަސައްކަތްކުރައްވާށެވެ! ހަމަކަށަވަރުން، ތިމަންމެންވެސް (ތިމަންމެންގެ ގޮތުގައި) މަސައްކަތް ކުރާނޫއެވެ.
قُلۡ إِنَّمَاۤ أَنَا۠ بَشَرࣱ مِّثۡلُكُمۡ یُوحَىٰۤ إِلَیَّ أَنَّمَاۤ إِلَـٰهُكُمۡ إِلَـٰهࣱ وَ ٰحِدࣱ فَٱسۡتَقِیمُوۤا۟ إِلَیۡهِ وَٱسۡتَغۡفِرُوهُۗ وَوَیۡلࣱ لِّلۡمُشۡرِكِینَ ﴿6﴾
ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު ވާކަންކަށަވަރީ، ތިޔަބައިމީހުންކަހަލަ آدم ގެދަރިޔަކު ކަމުގައެވެ. ތިމަންކަލޭގެފާނަށް وحى އިއްވަވަނީ، ތިޔަބައިމީހުންގެ إله އަކީ، އެއް إله އެއްކަމުގައެވެ. ފަހެ، ތިޔަބައިމީހުން އެކަލާނގެއަށް ސީދާވާށެވެ! އަދި ފާފަފުއްސެވުންއެދި، އެކަލާނގެއަށް ދަންނަވާށެވެ! އަދި شريك ކުރާ މީހުންނަށް ހަލާކުހުށްޓެވެ.
ٱلَّذِینَ لَا یُؤۡتُونَ ٱلزَّكَوٰةَ وَهُم بِٱلۡـَٔاخِرَةِ هُمۡ كَـٰفِرُونَ ﴿7﴾
އެއުރެންނީ زكاة ނުދޭ މީހުންނެވެ. އަދި އެއުރެންނީ (ހަމަ) آخرة ދުވަހަށް كافر ވާ މީހުންނެވެ.
إِنَّ ٱلَّذِینَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَهُمۡ أَجۡرٌ غَیۡرُ مَمۡنُونࣲ ﴿8﴾
ހަމަކަށަވަރުން، إيمان ވެ صالح عمل ތައް ކުޅަމީހުންނަށް ކެނޑިގެންނުދާނޭ ދަރުމަހުށްޓެވެ.
۞ قُلۡ أَىِٕنَّكُمۡ لَتَكۡفُرُونَ بِٱلَّذِی خَلَقَ ٱلۡأَرۡضَ فِی یَوۡمَیۡنِ وَتَجۡعَلُونَ لَهُۥۤ أَندَادࣰاۚ ذَ ٰلِكَ رَبُّ ٱلۡعَـٰلَمِینَ ﴿9﴾
ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ދެދުވަހުގެ ތެރޭގައި، ބިން ހެއްދެވި ރަސްކަލާނގެއަށް ތިޔަބައިމީހުން كافر ވެ، އަދި އެކަލާނގެއަށް ތިޔަބައިމީހުން شريك ންތަކެއް ލަނީހެއްޔެވެ؟ އެކަލާނގެއީ، عالم ތަކުގެ ވެރިރަސްކަލާނގެއެވެ.
وَجَعَلَ فِیهَا رَوَ ٰسِیَ مِن فَوۡقِهَا وَبَـٰرَكَ فِیهَا وَقَدَّرَ فِیهَاۤ أَقۡوَ ٰتَهَا فِیۤ أَرۡبَعَةِ أَیَّامࣲ سَوَاۤءࣰ لِّلسَّاۤىِٕلِینَ ﴿10﴾
އަދި އެކަލާނގެ، ފުރިހަމަ ހަތަރު ދުވަހުގެ ތެރޭގައި، އެ ބިމުގެ މަތީގައި އުފުލިފައިވާ، ހަރުލައިހުންނަ ފަރުބަދަތައް ލައްވައި، އަދި އެ ބިމުގައި ބަރަކާތްލައްވައި، އަދި އެ ބިމުގައި ވާހާތަކެތީގެ رزق މިންވަރުކުރެއްވިއެވެ. (އެއީ) سؤال ކުރާ މީހުންނަށްޓަކައެވެ.
ثُمَّ ٱسۡتَوَىٰۤ إِلَى ٱلسَّمَاۤءِ وَهِیَ دُخَانࣱ فَقَالَ لَهَا وَلِلۡأَرۡضِ ٱئۡتِیَا طَوۡعًا أَوۡ كَرۡهࣰا قَالَتَاۤ أَتَیۡنَا طَاۤىِٕعِینَ ﴿11﴾
ދެން ދުމެއްގެ ސިފައިގައި އުޑުވަނިކޮށް، އުޑުހައްދަވައި، ފުރިހަމަކުރެއްވުމަށް އެކަލާނގެ އިރާދަކުރެއްވިއެވެ. ފަހެ، އެކަލާނގެ އެ އުޑަށާއި، ބިމަށް وحى ކުރެއްވިއެވެ. ރުހުމުގައި، ނުވަތަ ނުރުހުމުގައިވިޔަސް (ފުރާފުރިހަމަވެގެން) އަންނާށެވެ! އެ އުޑާއި ބިން ދެންނެވިއެވެ. ތިމަންމެން ރުހުމުގައި އަތުވެއްޖައީމުއެވެ.
فَقَضَىٰهُنَّ سَبۡعَ سَمَـٰوَاتࣲ فِی یَوۡمَیۡنِ وَأَوۡحَىٰ فِی كُلِّ سَمَاۤءٍ أَمۡرَهَاۚ وَزَیَّنَّا ٱلسَّمَاۤءَ ٱلدُّنۡیَا بِمَصَـٰبِیحَ وَحِفۡظࣰاۚ ذَ ٰلِكَ تَقۡدِیرُ ٱلۡعَزِیزِ ٱلۡعَلِیمِ ﴿12﴾
ފަހެ، ދެދުވަހުގެ ތެރޭގައި އެކަލާނގެ ހަތް އުޑު ހެއްދެވިއެވެ. އަދި ކޮންމެ އުޑަކަށް، އެ އުޑެއްގެ ކަންތައް (تدبير ކުރައްވައި) އެންގެވިއެވެ. އަދި ބައްތިތަކަކުން ތިމަންރަސްކަލާނގެ އެންމެ ކައިރި އުޑު ޒީނަތްތެރިކުރައްވައި، އަދި އެ އުޑު ރައްކާތެރި ކުރެއްވީމެވެ. އެއީ عزيز ވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ މިންވަރު ކުރައްވާފައިވާ ގޮތެވެ.
فَإِنۡ أَعۡرَضُوا۟ فَقُلۡ أَنذَرۡتُكُمۡ صَـٰعِقَةࣰ مِّثۡلَ صَـٰعِقَةِ عَادࣲ وَثَمُودَ ﴿13﴾
ފަހެ، އެއުރެން ފުރަގަސްދީ އެނބުރިގެންފިނަމަ، ފަހެ، ކަލޭގެފާނު (އެއުރެންނަށް) ވިދާޅުވާށެވެ! عاد ބާގައިމީހުންނާއި ثمود ބާގައިމީހުންނަށް އައި ހޮނުގުގުރީގެ عذاب ފަދަ عذاب އެއް، ތިޔަބައިމީހުންނަށް އަތުވެދާނެކަމަށް إنذار ކުރައްވަމެވެ.
إِذۡ جَاۤءَتۡهُمُ ٱلرُّسُلُ مِنۢ بَیۡنِ أَیۡدِیهِمۡ وَمِنۡ خَلۡفِهِمۡ أَلَّا تَعۡبُدُوۤا۟ إِلَّا ٱللَّهَۖ قَالُوا۟ لَوۡ شَاۤءَ رَبُّنَا لَأَنزَلَ مَلَـٰۤىِٕكَةࣰ فَإِنَّا بِمَاۤ أُرۡسِلۡتُم بِهِۦ كَـٰفِرُونَ ﴿14﴾
އެއުރެންގެގާތަށް، އެއުރެންގެ ކުރިމަތިންނާއި، އެއުރެންގެ ފަހަތުން رسول ން ވަޑައިގެން اللَّه އަށް މެނުވީ އަޅުކަން ނުކުރުމަށް އެންގެވިހިނދު، އެއުރެން ބުނޫއެވެ. ތިމަންމެންގެ ވެރިރަސްކަލާނގެ (رسول ން ފޮނުއްވެވުމަށް) އިރާދަކުރެއްވިނަމަ، ފޮނުއްވީހީ ملائكة ންނެވެ. ފަހެ، ހަމަކަށަވަރުން، ތިޔަބޭކަލުން އެކަންތަކާއިގެން ފޮނުއްވެވި ކަންތަކަށް، ތިމަންމެން كافر ވަމުއެވެ.
فَأَمَّا عَادࣱ فَٱسۡتَكۡبَرُوا۟ فِی ٱلۡأَرۡضِ بِغَیۡرِ ٱلۡحَقِّ وَقَالُوا۟ مَنۡ أَشَدُّ مِنَّا قُوَّةًۖ أَوَلَمۡ یَرَوۡا۟ أَنَّ ٱللَّهَ ٱلَّذِی خَلَقَهُمۡ هُوَ أَشَدُّ مِنۡهُمۡ قُوَّةࣰۖ وَكَانُوا۟ بِـَٔایَـٰتِنَا یَجۡحَدُونَ ﴿15﴾
ފަހެ، عاد ބާގައިމީހުން ދަންނާށެވެ! އެއުރެން حق އަކާ ނުލައި ބިމުގައި ބޮޑާވެގަތޫއެވެ. އަދި އެއުރެން ބުނޫއެވެ. ތިމަންމެންނަށްވުރެ ބާރުގަދައީ ކާކުހެއްޔެވެ؟ އެއުރެން ހެއްދެވި اللَّه، އެއުރެންނަށްވުރެ ބާރުގަދަކަން އެއުރެންނަށް ނޭނގެނީހެއްޔެވެ؟ އަދި ތިމަންރަސްކަލާނގެ آية ތަކަށް ދެކޮޅުހަދާ ބަޔަކުކަމުގައި އެއުރެންވޫއެވެ.
فَأَرۡسَلۡنَا عَلَیۡهِمۡ رِیحࣰا صَرۡصَرࣰا فِیۤ أَیَّامࣲ نَّحِسَاتࣲ لِّنُذِیقَهُمۡ عَذَابَ ٱلۡخِزۡیِ فِی ٱلۡحَیَوٰةِ ٱلدُّنۡیَاۖ وَلَعَذَابُ ٱلۡـَٔاخِرَةِ أَخۡزَىٰۖ وَهُمۡ لَا یُنصَرُونَ ﴿16﴾
ފަހެ، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ސުންޕާދުވަސްތަކެއްގައި، ގަދަ އަޑާއި، ގަދަ ފިނީގެ ވަޔެއް ފޮނުއްވީމެވެ. ދުނިޔޭގެ حياة ގައި ނިކަމެތިކަމުގެ عذاب ގެ ރަހަ، ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްކެވުމަށްޓަކައެވެ. އަދި ހަމަކަށަވަރުން، آخرة ގެ عذاب ގެ ނިކަމެތިކަން މާބޮޑެވެ. އަދި އެއުރެންނަކަށް نصر އެއް ނުލިބޭނެތެވެ.
وَأَمَّا ثَمُودُ فَهَدَیۡنَـٰهُمۡ فَٱسۡتَحَبُّوا۟ ٱلۡعَمَىٰ عَلَى ٱلۡهُدَىٰ فَأَخَذَتۡهُمۡ صَـٰعِقَةُ ٱلۡعَذَابِ ٱلۡهُونِ بِمَا كَانُوا۟ یَكۡسِبُونَ ﴿17﴾
އަދި ثمود ބާގައިމީހުން ދަންނާށެވެ! ފަހެ، ތިމަންރަސްކަލާނގެ އެއުރެންނަށް ތެދުމަގު ދެއްކެވީމެވެ. ފަހެ، އެއުރެން ތެދުމަގު ލިބުމުގެ ބަދަލުގައި، ކަނުކަން (އެބަހީ: މަގު ފުރެދުން) اختيار ކުރޫއެވެ. އެއުރެން ހޯދައިއުޅުނު عمل ތަކުގެ ސަބަބުން، އިހާނަތްތެރި عذاب ގެ ހޮނުގުގުރި އެއުރެންގައި ހިފިއެވެ.
وَنَجَّیۡنَا ٱلَّذِینَ ءَامَنُوا۟ وَكَانُوا۟ یَتَّقُونَ ﴿18﴾
އަދި إيمان ވެ، تقوى ވެރިވާކަމުގައިވިމީހުން، ތިމަންރަސްކަލާނގެ ސަލާމަތް ކުރެއްވީމެވެ.
وَیَوۡمَ یُحۡشَرُ أَعۡدَاۤءُ ٱللَّهِ إِلَى ٱلنَّارِ فَهُمۡ یُوزَعُونَ ﴿19﴾
އަދި اللَّه ގެ عدوّ ން އެންމެން އެކުގައި ނަރަކަޔަށް އެއްކުރައްވާދުވަސް ހަނދުމަކުރާށެވެ!
حَتَّىٰۤ إِذَا مَا جَاۤءُوهَا شَهِدَ عَلَیۡهِمۡ سَمۡعُهُمۡ وَأَبۡصَـٰرُهُمۡ وَجُلُودُهُم بِمَا كَانُوا۟ یَعۡمَلُونَ ﴿20﴾
އެ ނަރަކަޔަށް އެއުރެން حاضر ވެއްޖައުމަށް ދާނދެނެވެ. އެހިނދު އެއުރެންގެ ކަންފަތާއި، އެއުރެންގެ ލޯތަކާއި، އެއުރެންގެ ހަންތައް، އެއުރެން ކޮށްއުޅުނު عمل ތަކަށް ހެކިދޭނެތެވެ.
وَقَالُوا۟ لِجُلُودِهِمۡ لِمَ شَهِدتُّمۡ عَلَیۡنَاۖ قَالُوۤا۟ أَنطَقَنَا ٱللَّهُ ٱلَّذِیۤ أَنطَقَ كُلَّ شَیۡءࣲۚ وَهُوَ خَلَقَكُمۡ أَوَّلَ مَرَّةࣲ وَإِلَیۡهِ تُرۡجَعُونَ ﴿21﴾
އަދި އެއުރެންގެ ހަންތަކަށް އެއުރެން ބުނާނެތެވެ. ކަލޭމެން ތިމަންމެންގެ މައްޗަށް ހެކިދިނީ ކީއްވެގެންހެއްޔެވެ؟ އެތަކެތި ބުނާނެތެވެ. ކޮންމެ އެއްޗަކަށްވެސް ބަސްމޮށުންދެއްވި اللَّه، ތިމަންމެންނަށް ބަސްމޮށުންދެއްވީއެވެ. އަދި އެކަލާނގެއީ، ފުރަތަމަ ފަހަރަށް ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުން އެނބުރި رجوع ކުރައްވާހުށީ އެކަލާނގެ حضرة އަށެވެ.
وَمَا كُنتُمۡ تَسۡتَتِرُونَ أَن یَشۡهَدَ عَلَیۡكُمۡ سَمۡعُكُمۡ وَلَاۤ أَبۡصَـٰرُكُمۡ وَلَا جُلُودُكُمۡ وَلَـٰكِن ظَنَنتُمۡ أَنَّ ٱللَّهَ لَا یَعۡلَمُ كَثِیرࣰا مِّمَّا تَعۡمَلُونَ ﴿22﴾
ތިޔަބައިމީހުންގެ ކަންފަތާއި، ތިޔަބައިމީހުންގެ ލޯތަކާއި، ތިޔަބައިމީހުންގެ ހަންތައް، ތިޔަބައިމީހުންގެ މައްޗަށް ހެކިދީފާނެކަމަށް ތިޔަބައިމީހުން (އެއްވެސްކަމެއް) ވަންހަނާކޮށެއް ނޫޅެމުއެވެ. އެހެނެއްކަމަކު ތިޔަބައިމީހުންހީކުރީ، ތިޔަބައިމީހުން ކޮށްއުޅޭ عمل ތަކުން ގިނަކަންތައް اللَّه ދެނެވޮޑިގެންނުވާނޭ ކަމަށެވެ.
وَذَ ٰلِكُمۡ ظَنُّكُمُ ٱلَّذِی ظَنَنتُم بِرَبِّكُمۡ أَرۡدَىٰكُمۡ فَأَصۡبَحۡتُم مِّنَ ٱلۡخَـٰسِرِینَ ﴿23﴾
އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއާމެދު ތިޔަބައިމީހުން ހީކުރި ހީކުރުމެވެ. އެ ހީކުރުން ތިޔަބައިމީހުން ހަލާކުކޮށްލައިފިއެވެ. އަދި ގެއްލެނިވެގެންވާ މީހުންގެ ތެރެއިން ތިޔަބައިމީހުން ވެއްޖައީމުއެވެ.
فَإِن یَصۡبِرُوا۟ فَٱلنَّارُ مَثۡوࣰى لَّهُمۡۖ وَإِن یَسۡتَعۡتِبُوا۟ فَمَا هُم مِّنَ ٱلۡمُعۡتَبِینَ ﴿24﴾
ފަހެ، އެއުރެން ކެތްކުރާނަމަވެސް، އެއުރެން ތިބެނިވިތަނަކީ، ނަރަކަޔެވެ. އެއުރެން عذر ދެއްކުމަށް އެދޭނަމަ، ފަހެ عذر قبول ކުރައްވާނެ މީހުންގެ ތެރެޔަކުން އެއުރެން ނުވެތެވެ.
۞ وَقَیَّضۡنَا لَهُمۡ قُرَنَاۤءَ فَزَیَّنُوا۟ لَهُم مَّا بَیۡنَ أَیۡدِیهِمۡ وَمَا خَلۡفَهُمۡ وَحَقَّ عَلَیۡهِمُ ٱلۡقَوۡلُ فِیۤ أُمَمࣲ قَدۡ خَلَتۡ مِن قَبۡلِهِم مِّنَ ٱلۡجِنِّ وَٱلۡإِنسِۖ إِنَّهُمۡ كَانُوا۟ خَـٰسِرِینَ ﴿25﴾
އަދި ތިމަންރަސްކަލާނގެ އެއުރެންނަށް އެކުވެރިންތަކެއް ލެއްވީމެވެ. ފަހެ، އެ އެކުވެރިން އެއުރެންނަށް، އެއުރެންގެ ކުރިމަތީގައިވާ ކަންތަކާއި، އެއުރެންގެ ފަހަތުގައިވާ ކަންތައް ޒީނަތްތެރިކޮށްދިނެވެ. އަދި އެއުރެންގެކުރިން އިސްވެ ގޮސްފައިވާ (ފުރެދުނު) ޖިންނީންނާއި، އިންސީންގެ أمّة ތަކުގެ ތެރޭގައި އެއުރެންގެ މައްޗަށް عذاب ގެ ބަސްފުޅު حق ވެއްޖެއެވެ. ހަމަކަށަވަރުން، އެއުރެންވީ ގެއްލެނިވިގެންވާ މީހުން ކަމުގައެވެ.
وَقَالَ ٱلَّذِینَ كَفَرُوا۟ لَا تَسۡمَعُوا۟ لِهَـٰذَا ٱلۡقُرۡءَانِ وَٱلۡغَوۡا۟ فِیهِ لَعَلَّكُمۡ تَغۡلِبُونَ ﴿26﴾
كافر ވިމީހުން ބުނޫއެވެ. ތިޔަބައިމީހުން މި قرآن އަޑުނާހާށެވެ! (އަދި قرآن ކިޔެވޭހިނދު) ތިޔަބައިމީހުން އަޑުގަދަކުރާށެވެ! އެއީ ތިޔަބައިމީހުންނަށް ގަދަވެގަނެވޭތޯއެވެ!
فَلَنُذِیقَنَّ ٱلَّذِینَ كَفَرُوا۟ عَذَابࣰا شَدِیدࣰا وَلَنَجۡزِیَنَّهُمۡ أَسۡوَأَ ٱلَّذِی كَانُوا۟ یَعۡمَلُونَ ﴿27﴾
ފަހެ، ހަމަކަށަވަރުން، كافر ވިމީހުންނަށް ތިމަންރަސްކަލާނގެ ގަދަވެގެންވާ عذاب ގެ ރަހަ ދައްކަވާހުށީމެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެން ކޮށްއުޅުނު ނުބައި عمل ތަކަށް ޖަޒާ ދެއްވާހުށީމެވެ.
ذَ ٰلِكَ جَزَاۤءُ أَعۡدَاۤءِ ٱللَّهِ ٱلنَّارُۖ لَهُمۡ فِیهَا دَارُ ٱلۡخُلۡدِ جَزَاۤءَۢ بِمَا كَانُوا۟ بِـَٔایَـٰتِنَا یَجۡحَدُونَ ﴿28﴾
އެއީ اللَّه ގެ عداوة ތެރިންގެ ޖަޒާއެވެ. (އެއީ) ނަރަކަޔެވެ. އެތާނގައި އެއުރެންނަށް ދެމިތިބެނިވި ގޮވައްޗެއްވެއެވެ. ތިމަންރަސްކަލާނގެ آية ތަކަށް އެއުރެން ދެކޮޅުހަދައި އުޅުނުކަމުގެ ޖަޒާއެއްގެގޮތުގައެވެ.
وَقَالَ ٱلَّذِینَ كَفَرُوا۟ رَبَّنَاۤ أَرِنَا ٱلَّذَیۡنِ أَضَلَّانَا مِنَ ٱلۡجِنِّ وَٱلۡإِنسِ نَجۡعَلۡهُمَا تَحۡتَ أَقۡدَامِنَا لِیَكُونَا مِنَ ٱلۡأَسۡفَلِینَ ﴿29﴾
كافر ވިމީހުން ބުނާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ޖިންނީންނާއި، އިންސީންގެ ތެރެއިން އަޅަމެން މަގުފުރެއްދި ދެބައިމީހުން އަޅަމެންނަށް ދައްކަވާނދޭވެ! އެ ދެބައިމީހުން އަޅަމެންގެ ފައިތިލަތަކުގެ ދަށަށް ލާހުށީމެވެ. (އެއީ) އެ ދެބައިމީހުން (عذاب ގެ) އެންމެއަޑީގައި ވުމަށްޓަކައެވެ.
إِنَّ ٱلَّذِینَ قَالُوا۟ رَبُّنَا ٱللَّهُ ثُمَّ ٱسۡتَقَـٰمُوا۟ تَتَنَزَّلُ عَلَیۡهِمُ ٱلۡمَلَـٰۤىِٕكَةُ أَلَّا تَخَافُوا۟ وَلَا تَحۡزَنُوا۟ وَأَبۡشِرُوا۟ بِٱلۡجَنَّةِ ٱلَّتِی كُنتُمۡ تُوعَدُونَ ﴿30﴾
ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެއީ اللَّه އޭ ބުނެ، ދެން ސީދާމަގުގައި ދެމިތިބިމީހުން (ދަންނާށެވެ!) އެއުރެންގެ މައްޗަށް ملائكة ން ފައިބައިވަޑައިގަންނަވާނެތެވެ. ވިދާޅުވަމުންނެވެ. ތިޔަބައިމީހުން ބިރުނުގަންނާށެވެ! އަދި ހިތާމަނުކުރާށެވެ! އަދި ތިޔަބައިމީހުންނަށް وعد ކުރައްވާކަމުގައިވާ ސުވަރުގޭގެ އުފާވެރިކަމުގެ خبر ލިބިގަންނާށެވެ!
نَحۡنُ أَوۡلِیَاۤؤُكُمۡ فِی ٱلۡحَیَوٰةِ ٱلدُّنۡیَا وَفِی ٱلۡـَٔاخِرَةِۖ وَلَكُمۡ فِیهَا مَا تَشۡتَهِیۤ أَنفُسُكُمۡ وَلَكُمۡ فِیهَا مَا تَدَّعُونَ ﴿31﴾
ތިމަންބޭކަލުންނީ ދުނިޔޭގެ حياة ގައްޔާއި، آخرة ގައި ތިޔަބައިމީހުންގެ އެހީތެރިންނެވެ. ތިޔަބައިމީހުންގެ نفس ތައް އެދޭހާކަމެއް އެދުވަހުން، ތިޔަބައިމީހުންނަށްޓަކައިވެއެވެ. އަދި (އުފަލާއި، އަރާމުގެތެރެއިން) ތިޔަބައިމީހުން ދަންނަވާހާކަމެއް ތިޔަބައިމީހުންނަށްވެއެވެ.
نُزُلࣰا مِّنۡ غَفُورࣲ رَّحِیمࣲ ﴿32﴾
ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ކަލެއްގެ މެހުމާންދާރީއެއްގެ ގޮތުގައެވެ.
وَمَنۡ أَحۡسَنُ قَوۡلࣰا مِّمَّن دَعَاۤ إِلَى ٱللَّهِ وَعَمِلَ صَـٰلِحࣰا وَقَالَ إِنَّنِی مِنَ ٱلۡمُسۡلِمِینَ ﴿33﴾
اللَّه ގެ حضرة އަށް (އައުމަށް) ގޮވާލައި، އަދި صالح عمل ކޮށް، އަދި ހަމަކަށަވަރުން، ތިމަންނާވަނީ (اللَّه އަށް) ކިޔަމަންވާމީހުންގެ ތެރެއިންނޭ ބުނާމީހަކަށްވުރެ ރަނގަޅު ބަސްބުނާ މީހަކީ ކާކުހެއްޔެވެ؟
وَلَا تَسۡتَوِی ٱلۡحَسَنَةُ وَلَا ٱلسَّیِّئَةُۚ ٱدۡفَعۡ بِٱلَّتِی هِیَ أَحۡسَنُ فَإِذَا ٱلَّذِی بَیۡنَكَ وَبَیۡنَهُۥ عَدَ ٰوَةࣱ كَأَنَّهُۥ وَلِیٌّ حَمِیمࣱ ﴿34﴾
ރަނގަޅު ކަންތަކާއި، ނުބައިކަންތައް ހަމަހަމަވެގެނެއް ނުވެތެވެ. އެންމެހެޔޮ، ރިވެތިގޮތުން ތިބާ (ނުބައިކަންތައް) ދުރުކުރާށެވެ. ފަހެ، އެހާރުން ތިބާއާ އޭނާއާ ދެމެދުގައި عداوة ތެރިކަމެއްވާ މީހާ، ގާތް رحمة ތެރިޔަކު ފަދައިން ވެދާނެތެވެ.
وَمَا یُلَقَّىٰهَاۤ إِلَّا ٱلَّذِینَ صَبَرُوا۟ وَمَا یُلَقَّىٰهَاۤ إِلَّا ذُو حَظٍّ عَظِیمࣲ ﴿35﴾
އަދި ކެތްތެރިވި މީހުންނަށްމެނުވީ، އެ މާތްސިފަ ލިބިއެއް ނުގަނެވޭނެތެވެ. އަދި ބޮޑުވެގެންވާ ނަސީބުވެރިޔަކަށްމެނުވީ، އެ މާތްސިފަ ލިބިއެއް ނުގަނެވޭނެތެވެ.
وَإِمَّا یَنزَغَنَّكَ مِنَ ٱلشَّیۡطَـٰنِ نَزۡغࣱ فَٱسۡتَعِذۡ بِٱللَّهِۖ إِنَّهُۥ هُوَ ٱلسَّمِیعُ ٱلۡعَلِیمُ ﴿36﴾
އަދި ހަމަކަށަވަރުން، شيطان އާގެ ފަރާތުން ވަސްވާސްތެރިކަމެއްއައިސް ކަލޭގެފާނުގެ ހިތްޕުޅަށް ވަންނަނަމަ، اللَّه ގެ ރައްކާތެރިކަމަށް އެދިވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށްއައްސަވާވޮޑިގެންވާ، މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
وَمِنۡ ءَایَـٰتِهِ ٱلَّیۡلُ وَٱلنَّهَارُ وَٱلشَّمۡسُ وَٱلۡقَمَرُۚ لَا تَسۡجُدُوا۟ لِلشَّمۡسِ وَلَا لِلۡقَمَرِ وَٱسۡجُدُوا۟ لِلَّهِ ٱلَّذِی خَلَقَهُنَّ إِن كُنتُمۡ إِیَّاهُ تَعۡبُدُونَ ﴿37﴾
ރޭގަނޑާއި ދުވާލާއި، އިރާއި، ހަނދަކީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ވާތަކެއްޗެވެ. ތިޔަބައިމީހުން އިރަށާއި، ހަނދަށް سجدة ނުކުރާށެވެ! އަދި އެތަކެތި ހެއްދެވި اللَّه އަށް سجدة ކުރާށެވެ! (އެއީ) ހަމައެކަނި އެކަލާނގެއަށް ތިޔަބައިމީހުން އަޅުކަންކުރާ ކަމުގައިވާނަމައެވެ.
فَإِنِ ٱسۡتَكۡبَرُوا۟ فَٱلَّذِینَ عِندَ رَبِّكَ یُسَبِّحُونَ لَهُۥ بِٱلَّیۡلِ وَٱلنَّهَارِ وَهُمۡ لَا یَسۡـَٔمُونَ ۩ ﴿38﴾
ފަހެ، އެއުރެން (اللَّه އަށް سجدة ކުރުމަށް) ބޮޑާވެގެންފިނަމަ، ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ގައިވާ ملائكة ން އެކަލާނގެއަށް ރެޔާއިދުވާލު تسبيح ދަންނަވަތެވެ. އަދި އެބޭކަލުން އެކަމަކަށް ފޫހިފުޅެއްނުވެތެވެ.
وَمِنۡ ءَایَـٰتِهِۦۤ أَنَّكَ تَرَى ٱلۡأَرۡضَ خَـٰشِعَةࣰ فَإِذَاۤ أَنزَلۡنَا عَلَیۡهَا ٱلۡمَاۤءَ ٱهۡتَزَّتۡ وَرَبَتۡۚ إِنَّ ٱلَّذِیۤ أَحۡیَاهَا لَمُحۡیِ ٱلۡمَوۡتَىٰۤۚ إِنَّهُۥ عَلَىٰ كُلِّ شَیۡءࣲ قَدِیرٌ ﴿39﴾
ގަހެއްނެތި ހިކިފައިވާ ބިން، ތިބާ ދެކޭނޫއެވެ. ފަހެ، އެ ބިމުގެ މައްޗަށް ތިމަންރަސްކަލާނގެ ވާރޭ ވެއްސަވައިފިހިނދު، އެބިމުގެ ގަސްތަކުގެ حركات ފެށި، ގަސްތައް އިތުރުވެއެވެ. އެއީ އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. ހަމަކަށަވަރުން، އެ ބިންގަނޑު ދިރުއްވި ރަސްކަލާނގެއީ، މަރުވެފައިވާ ތަކެތި ދިރުއްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށްމެ ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
إِنَّ ٱلَّذِینَ یُلۡحِدُونَ فِیۤ ءَایَـٰتِنَا لَا یَخۡفَوۡنَ عَلَیۡنَاۤۗ أَفَمَن یُلۡقَىٰ فِی ٱلنَّارِ خَیۡرٌ أَم مَّن یَأۡتِیۤ ءَامِنࣰا یَوۡمَ ٱلۡقِیَـٰمَةِۚ ٱعۡمَلُوا۟ مَا شِئۡتُمۡ إِنَّهُۥ بِمَا تَعۡمَلُونَ بَصِیرٌ ﴿40﴾
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آية ތަކާމެދުގައި ދެކޮޅުހަދައި، އެއްކިބާވާމީހުން ތިމަންރަސްކަލާނގެއަށް ވަންހަނާވެގެންނެއްނުވެތެވެ. ފަހެ، ހެޔޮކަންބޮޑީ ނަރަކަޔަށް އެއްލައިލެވޭ މީހާހެއްޔެވެ؟ ނުވަތަ قيامة ދުވަހު أمان ކަމާއެކުގައި އަންނަމީހާ ހެއްޔެވެ؟ ތިޔަބައިމީހުން އެދޭކަމެއްކުރާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ތިޔަބައިމީހުން ކުރާކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.
إِنَّ ٱلَّذِینَ كَفَرُوا۟ بِٱلذِّكۡرِ لَمَّا جَاۤءَهُمۡۖ وَإِنَّهُۥ لَكِتَـٰبٌ عَزِیزࣱ ﴿41﴾
ހަމަކަށަވަރުން، އެއުރެންގެގާތަށް قرآن އައިހިނދު، އެ قرآن އަށް كافر ވިމީހުންނަށް (ގަދަވެގެންވާ عذاب ހުށްޓެވެ.) ހަމަކަށަވަރުން، އެއީ ބާރުގަދަ ފޮތެއްކަން ކަށަވަރެވެ.
لَّا یَأۡتِیهِ ٱلۡبَـٰطِلُ مِنۢ بَیۡنِ یَدَیۡهِ وَلَا مِنۡ خَلۡفِهِۦۖ تَنزِیلࣱ مِّنۡ حَكِیمٍ حَمِیدࣲ ﴿42﴾
އެ ފޮތުގެ ކުރިމައްޗަކުންވެސް، އަދި އޭގެފަހަތަކުންވެސް އެފޮތަކަށް باطل ކަމެއް ނާންނާނެތެވެ. (އެއީ) حمد ލިބިވޮޑިގެންވާ، حكيم ވަންތަރަސްކަލާނގެ حضرة ން ބާވައިލެއްވި ފޮތެކެވެ.
مَّا یُقَالُ لَكَ إِلَّا مَا قَدۡ قِیلَ لِلرُّسُلِ مِن قَبۡلِكَۚ إِنَّ رَبَّكَ لَذُو مَغۡفِرَةࣲ وَذُو عِقَابٍ أَلِیمࣲ ﴿43﴾
ކަލޭގެފާނުގެ ކުރިންފޮނުއްވި رسول ންނަށްވެސް ދެންނެވުނު ބަސްތަކެއްމެނުވީ، ކަލޭގެފާނަކަށް ނުދެންނެވެތެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ފާފަފުއްސެވުމުގެ ވެރި، އަދި ވޭންދެނިވި عذاب ދެއްވުމުގެ ވެރިރަސްކަލާނގެކަން ކަށަވަރެވެ.
وَلَوۡ جَعَلۡنَـٰهُ قُرۡءَانًا أَعۡجَمِیࣰّا لَّقَالُوا۟ لَوۡلَا فُصِّلَتۡ ءَایَـٰتُهُۥۤۖ ءَا۬عۡجَمِیࣱّ وَعَرَبِیࣱّۗ قُلۡ هُوَ لِلَّذِینَ ءَامَنُوا۟ هُدࣰى وَشِفَاۤءࣱۚ وَٱلَّذِینَ لَا یُؤۡمِنُونَ فِیۤ ءَاذَانِهِمۡ وَقۡرࣱ وَهُوَ عَلَیۡهِمۡ عَمًىۚ أُو۟لَـٰۤىِٕكَ یُنَادَوۡنَ مِن مَّكَانِۭ بَعِیدࣲ ﴿44﴾
ތިމަންރަސްކަލާނގެ عرب ނޫން ބަހަކުން قرآن އެއް ބާވައިލެއްވިނަމަ، އެއުރެން ބުނީހެވެ. (عرب ބަހުން) އެ ފޮތުގެ آية ތައް تفصيل ކުރައްވާފައިވާނަމަ، ކިހާރަނގަޅު ހެއްޔެވެ؟ އެފޮތް عرب ނޫން ބަހަކުން އޮވެފައި، އެ ފޮތް ބާވައިލެއްވީ، عربى އަކަށް ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! އެ ފޮތަކީ، إيمان ވި މީހުންނަށްވާ ތެދުމަގެކެވެ. އަދި شفاء އެއްވެސްމެއެވެ. އަދި إيمان ނުވާމީހުންގެ ކަންފަތްތަކުގައި ބީރުކަމެއްވެއެވެ. އަދި އެ ފޮތަކީ، އެއުރެންގެ މައްޗަށްވާ ކަނުކަމެކެވެ. އެއުރެން ދުރުތަނަކުން ގޮވައިލެވޭ ބަޔެއްފަދައެވެ.
وَلَقَدۡ ءَاتَیۡنَا مُوسَى ٱلۡكِتَـٰبَ فَٱخۡتُلِفَ فِیهِۚ وَلَوۡلَا كَلِمَةࣱ سَبَقَتۡ مِن رَّبِّكَ لَقُضِیَ بَیۡنَهُمۡۚ وَإِنَّهُمۡ لَفِی شَكࣲّ مِّنۡهُ مُرِیبࣲ ﴿45﴾
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ موسى ގެފާނަށް ފޮތް ދެއްވީމެވެ. ފަހެ، އެ ފޮތާމެދު خلاف ވެވުނެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން އިސްވެދިޔަ ބަސްފުޅެއް ނުވާނަމަ، އެއުރެންގެ މެދުގައި ނިޔާކުރެއްވީސްކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން، އެއުރެންވަނީ އެކަމާމެދު ވަސްވާސްތެރިކަމުން ފުރިގެންވާ، شك އެއްގައިކަން ކަށަވަރެވެ.
مَّنۡ عَمِلَ صَـٰلِحࣰا فَلِنَفۡسِهِۦۖ وَمَنۡ أَسَاۤءَ فَعَلَیۡهَاۗ وَمَا رَبُّكَ بِظَلَّـٰمࣲ لِّلۡعَبِیدِ ﴿46﴾
صالح عمل އެއްކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަމުގެ ދަރުމަހުރީ އެމީހާގެ އަމިއްލަ نفس އަށެވެ. އަދި ނުބައި عمل އެއްކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަމުގެ ހަލާކުހުުރީ، ހަމަ އެ نفس ގެ މައްޗަށެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގެންވާ ކަލަކުކަމުގައެއް ނުވެއެވެ.
۞ إِلَیۡهِ یُرَدُّ عِلۡمُ ٱلسَّاعَةِۚ وَمَا تَخۡرُجُ مِن ثَمَرَ ٰتࣲ مِّنۡ أَكۡمَامِهَا وَمَا تَحۡمِلُ مِنۡ أُنثَىٰ وَلَا تَضَعُ إِلَّا بِعِلۡمِهِۦۚ وَیَوۡمَ یُنَادِیهِمۡ أَیۡنَ شُرَكَاۤءِی قَالُوۤا۟ ءَاذَنَّـٰكَ مَا مِنَّا مِن شَهِیدࣲ ﴿47﴾
قيامة ދުވަސް އައުމުގެ ވަގުތު ދެނެވޮޑިގަތުންވަނީ ހަމައެކަނި އެކަލާނގެއަށެވެ. އެކަލާނގެ ދެނެވޮޑިގަތުމާ އެކުގައިމެނުވީ، އެއްވެސް މޭވާއެއް އޭގެ ބޮށިގަނޑަކުން ނުނިކުންނާނެތެވެ. އަދި އަންހެނަކު މާބަނޑެއް ނުވާނެތެވެ. އަދި ނުވެސް ވިހާނެތެވެ. އަދި ތިމަންރަސްކަލާނގެއަށް شريك ކުރިމީހުން ކޮބައިހޭ އެކަލާނގެ ގޮވައިލައްވައި وحى ކުރައްވާ ދުވަހު، އެއުރެން ބުނާނެތެވެ. (އިބަރަސްކަލާނގެއަށް شريك އަކުވާކަމަށް) ހެކިވާ ހަމައެކަކުވެސް، ތިމަންމެންގެ ތެރޭގައި ނުވާކަމަށް އިބަރަސްކަލާނގެއަށް ތިމަންމެން މިދެންނެވީއެވެ.
وَضَلَّ عَنۡهُم مَّا كَانُوا۟ یَدۡعُونَ مِن قَبۡلُۖ وَظَنُّوا۟ مَا لَهُم مِّن مَّحِیصࣲ ﴿48﴾
އަދި މީގެކުރިން އެއުރެން دعاء ކޮށް، އަޅުކަންކޮށްއުޅުނު ތަކެތި އެއުރެންގެކިބައިން ގެއްލިހިނގައްޖެއެވެ. އަދި (عذاب ން) އެއުރެން ފިލަންދާނެތަނެއް ނެތްކަން، އެއުރެންނަށް يقين ވެއްޖެއެވެ.
لَّا یَسۡـَٔمُ ٱلۡإِنسَـٰنُ مِن دُعَاۤءِ ٱلۡخَیۡرِ وَإِن مَّسَّهُ ٱلشَّرُّ فَیَـُٔوسࣱ قَنُوطࣱ ﴿49﴾
ހެޔޮކަންތަކަށް دعاء ކުރުމަކަށް އިންސާނާ ފޫއްސެއް ނުވާނެތެވެ. އަދި އޭނާއަށް ނުބައިކަމެއް ޖެހިއްޖެނަމަ، ފަހެ، އުންމީދުކެނޑި، ހިތްމަރުވެފައިވާ މީހަކަށް އޭނާ ވެދެތެވެ.
وَلَىِٕنۡ أَذَقۡنَـٰهُ رَحۡمَةࣰ مِّنَّا مِنۢ بَعۡدِ ضَرَّاۤءَ مَسَّتۡهُ لَیَقُولَنَّ هَـٰذَا لِی وَمَاۤ أَظُنُّ ٱلسَّاعَةَ قَاۤىِٕمَةࣰ وَلَىِٕن رُّجِعۡتُ إِلَىٰ رَبِّیۤ إِنَّ لِی عِندَهُۥ لَلۡحُسۡنَىٰۚ فَلَنُنَبِّئَنَّ ٱلَّذِینَ كَفَرُوا۟ بِمَا عَمِلُوا۟ وَلَنُذِیقَنَّهُم مِّنۡ عَذَابٍ غَلِیظࣲ ﴿50﴾
އަދި ހަމަކަށަވަރުން، އެ އިންސާނާއަށް ދަތި حال އެއް ޖެހިއްޖައުމަށްފަހު، ތިމަންރަސްކަލާނގެ حضرة ން رحمة އެއްގެ ރަހަ އޭނާއަށް ދައްކަވައިފިނަމަ، މިއީ ތިމަންނާއަށްހުރި ތަކެއްޗޭ ބުނާނެކަން ކަށަވަރެވެ. އަދި قيامة ވާނެކަމަކަށް ތިމަންނާ ހީއެއްނުކުރަމެވެ. އަދި ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ حضرة އަށް ތިމަން رجوع ކުރެއްވިއަސް ހަމަކަށަވަރުން އެކަލާނގެ حضرة ގައި ތިމަންނައަށްހުރީ ހެޔޮކަމެވެ. ފަހެ، ހަމަކަށަވަރުން، كافر ވިމީހުންނަށް ތިމަންރަސްކަލާނގެ އެއުރެންކުރި عمل ތަކުގެ خبر އަންގަވާހުށީމެވެ. އަދި ހަމަކަށަވަރުން، ގަދަފަދަވެގެންވާ عذاب އަކުން އެއުރެންނަށް ތިމަންރަސްކަލާނގެ عذاب ގެ ރަހަ ދައްކަވާހުށީމެވެ.
وَإِذَاۤ أَنۡعَمۡنَا عَلَى ٱلۡإِنسَـٰنِ أَعۡرَضَ وَنَـَٔا بِجَانِبِهِۦ وَإِذَا مَسَّهُ ٱلشَّرُّ فَذُو دُعَاۤءٍ عَرِیضࣲ ﴿51﴾
އަދި އިންސާނާއަށް ތިމަންރަސްކަލާނގެ نعمة ދެއްވައިފިނަމަ، އަނެއްފަރާތަށް އެނބުރި ބޮޑާވެގަނެތެވެ. އަދި އޭނާއަށް، ނުބައިކަމެއް ޖެހިއްޖެނަމަ، ފަހެ، دعاء ކުރުން ގިނަމީހަކަށް އޭނާ ވެދެތެވެ.
قُلۡ أَرَءَیۡتُمۡ إِن كَانَ مِنۡ عِندِ ٱللَّهِ ثُمَّ كَفَرۡتُم بِهِۦ مَنۡ أَضَلُّ مِمَّنۡ هُوَ فِی شِقَاقِۭ بَعِیدࣲ ﴿52﴾
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ނިކަންބުނެބަލާށެވެ! اللَّه ގެ حضرة ންއައި އެއްޗެއްކަމަށް އެ (قرآن) ވެފައި، ދެން ތިޔަބައިމީހުން އެއަށް كافر ވެއްޖެނަމަ (ތިޔަބައިމީހުންގެ حال ވާނީ ކޮންފަދައަކުން ހެއްޔެވެ؟ حق އާ) ދުރުވެގެންވާ، ދެކޮޅުވެރިކަމެއްގައިވާ މީހަކަށްވުރެ ފުރެދުންބޮޑީ ކާކުހެއްޔެވެ؟
سَنُرِیهِمۡ ءَایَـٰتِنَا فِی ٱلۡـَٔافَاقِ وَفِیۤ أَنفُسِهِمۡ حَتَّىٰ یَتَبَیَّنَ لَهُمۡ أَنَّهُ ٱلۡحَقُّۗ أَوَلَمۡ یَكۡفِ بِرَبِّكَ أَنَّهُۥ عَلَىٰ كُلِّ شَیۡءࣲ شَهِیدٌ ﴿53﴾
އުދަރެސްތަކުގައްޔާއި، އެއުރެންގެ އަމިއްލަ نفس ތަކުގައިވާ، ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތައް، ތިމަންރަސްކަލާނގެ އެއުރެންނަށް ނިކަންހުރެ ދައްކަވާހުށީމެވެ. އެއީ حق ތެދުކަން އެއުރެންނަށް ބަޔާންވެ އެނގިއްޖައުމަށް ދާނދެނެވެ. ކަލޭގެފާނުންގެ ވެރިރަސްކަލާނގެއީ ކޮންމެކަމެއްގެ މައްޗަށް ހެކިވެވޮޑިގެންވާ ކަލަކުކަމުގައި ނުފުދޭހެއްޔެވެ؟
أَلَاۤ إِنَّهُمۡ فِی مِرۡیَةࣲ مِّن لِّقَاۤءِ رَبِّهِمۡۗ أَلَاۤ إِنَّهُۥ بِكُلِّ شَیۡءࣲ مُّحِیطُۢ ﴿54﴾
ދަންނާށެވެ! ހަމަކަށަވަރުން، އެއުރެންގެ ވެރިރަސްކަލާނގެއާ ބައްދަލުވާނެ ކަމާމެދު އެއުރެންވަނީ شك ކަމެއްގައެވެ. ދަންނާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ކޮންމެކަމެއް ފުރިހަމަޔަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.