Main pages

Surah She that disputes [Al-Mujadila] in Divehi

Surah She that disputes [Al-Mujadila] Ayah 22 Location Madinah Number 58

قَدۡ سَمِعَ ٱللَّهُ قَوۡلَ ٱلَّتِی تُجَـٰدِلُكَ فِی زَوۡجِهَا وَتَشۡتَكِیۤ إِلَى ٱللَّهِ وَٱللَّهُ یَسۡمَعُ تَحَاوُرَكُمَاۤۚ إِنَّ ٱللَّهَ سَمِیعُۢ بَصِیرٌ ﴿1﴾

ހަމަކަށަވަރުން، އެކަނބުލޭގެ ފިރިމީހާއާމެދު ކަލޭގެފާނާ ޖަދަލުކޮށް، އަދި اللَّه ގެ حضرة އަށް شكوى ދަންނަވާ ކަނބުލޭގެ ބަސް، اللَّه އައްސަވާވޮޑިގެންފިއެވެ. އަދި ތިޔަ ދެފަރާތުގެ ވާހަކަތައް اللَّه އައްސަވާވޮޑިގަންނަވަތެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.

ٱلَّذِینَ یُظَـٰهِرُونَ مِنكُم مِّن نِّسَاۤىِٕهِم مَّا هُنَّ أُمَّهَـٰتِهِمۡۖ إِنۡ أُمَّهَـٰتُهُمۡ إِلَّا ٱلَّـٰۤـِٔی وَلَدۡنَهُمۡۚ وَإِنَّهُمۡ لَیَقُولُونَ مُنكَرࣰا مِّنَ ٱلۡقَوۡلِ وَزُورࣰاۚ وَإِنَّ ٱللَّهَ لَعَفُوٌّ غَفُورࣱ ﴿2﴾

ތިޔަބައިމީހުންކުރެ އަނބިންނަށް ظهار ކުރާމީހުން (ދަންނާށެވެ!) އެކަނބަލުންނަކީ، ތިޔަބައިމީހުންގެ މައިންނެއްނޫނެވެ. އެއުރެންވިހޭ ކަނބަލުން މެނުވީ، އެއުރެންގެ މައިންކަމުގައި ނުވެތެވެ. އަދި ހަމަކަށަވަރުން، އެއުރެން އެ ބުނަނީ مُنكَر ބަހެކެވެ. އަދި ދޮގެކެވެ. އަދި ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން عفو ކުރައްވާ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ.

وَٱلَّذِینَ یُظَـٰهِرُونَ مِن نِّسَاۤىِٕهِمۡ ثُمَّ یَعُودُونَ لِمَا قَالُوا۟ فَتَحۡرِیرُ رَقَبَةࣲ مِّن قَبۡلِ أَن یَتَمَاۤسَّاۚ ذَ ٰ⁠لِكُمۡ تُوعَظُونَ بِهِۦۚ وَٱللَّهُ بِمَا تَعۡمَلُونَ خَبِیرࣱ ﴿3﴾

އަދި އެއުރެންގެ އަނބިންނަށް ظهار ކޮށް، ދެން އެއުރެން ބުނި ބަސް އަނބުރައި ގެނައުމަށް އެދޭމީހުން، އެކަނބަލުންގައި ބީހުމުގެ ކުރީގައި (އެބަހީ: އެއްދާންކުރުމުގެ ކުރީގައި) އަޅަކު މިނިވަންކުރާހުށިކަމެވެ! އެއީ ތިޔަބައިމީހުންނަށް އެކަމަށް نصيحة ދެއްވާގޮތެވެ. އަދި اللَّه އީ، ތިޔަބައިމީހުންކުރާ عمل ތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

فَمَن لَّمۡ یَجِدۡ فَصِیَامُ شَهۡرَیۡنِ مُتَتَابِعَیۡنِ مِن قَبۡلِ أَن یَتَمَاۤسَّاۖ فَمَن لَّمۡ یَسۡتَطِعۡ فَإِطۡعَامُ سِتِّینَ مِسۡكِینࣰاۚ ذَ ٰ⁠لِكَ لِتُؤۡمِنُوا۟ بِٱللَّهِ وَرَسُولِهِۦۚ وَتِلۡكَ حُدُودُ ٱللَّهِۗ وَلِلۡكَـٰفِرِینَ عَذَابٌ أَلِیمٌ ﴿4﴾

ފަހެ، އަޅަކު މިނިވަންކުރަން ނުލިބުނުމީހާ، އެ ދެމަފިރިން އެއްދާންކުރުމުގެ ކުރީގައި ވިދިވިދެގެން ދެމަސްދުވަހު ރޯދަހިފާހުށިކަމެވެ! ފަހެ، ރޯދަހިފުމަށް ނުކުޅެދިއްޖެމީހާ ފަސްދޮޅަސް މިސްކީނުންނަށް ކާންދޭހުށިކަމެވެ! އެއީ ތިޔަބައިމީހުން اللَّه އާއި، އެކަލާނގެ رسول އާއަށް إيمان ވުމަށްޓަކައެވެ. އަދި އެއީ اللَّه ކަނޑައަޅުއްވާފައިވާ އިންތަކެވެ. އަދި كافر ންނަށް ވޭންދެނިވި عذاب ހުށްޓެވެ.

إِنَّ ٱلَّذِینَ یُحَاۤدُّونَ ٱللَّهَ وَرَسُولَهُۥ كُبِتُوا۟ كَمَا كُبِتَ ٱلَّذِینَ مِن قَبۡلِهِمۡۚ وَقَدۡ أَنزَلۡنَاۤ ءَایَـٰتِۭ بَیِّنَـٰتࣲۚ وَلِلۡكَـٰفِرِینَ عَذَابࣱ مُّهِینࣱ ﴿5﴾

ހަމަކަށަވަރުން، اللَّه އާއި، އެކަލާނގެ رسول އާއަށް ދެކޮޅުވެރިވާ މީހުން (ދަންނާށެވެ!) އެއުރެންގެކުރިން އުޅުނު (އެފަދަ) މީހުން ނިކަމެތިކޮށްލެއްވި ފަދައިން، އެއުރެން ނިކަމެތިކޮށްލައްވާ ހުށްޓެވެ. އަދި ހަމަކަށަވަރުން، ބަޔާންވެގެންވާ آية ތައް ތިމަންރަސްކަލާނގެ ބާވައިލެއްވީމެވެ. އަދި كافر ންނަށް ހުރީ، އިހާނަތްތެރިކަންދެނިވި عذاب އެވެ.

یَوۡمَ یَبۡعَثُهُمُ ٱللَّهُ جَمِیعࣰا فَیُنَبِّئُهُم بِمَا عَمِلُوۤا۟ۚ أَحۡصَىٰهُ ٱللَّهُ وَنَسُوهُۚ وَٱللَّهُ عَلَىٰ كُلِّ شَیۡءࣲ شَهِیدٌ ﴿6﴾

އެއީ اللَّه، އެއުރެން އެންމެން محشر އަށް ފޮނުއްވާ ދުވަހެވެ. ފަހެ، އެއުރެން ކޮށްއުޅުނު عمل ތަކުގެ ވާހަކައިން އެކަލާނގެ އެއުރެންނަށް خبر އަންގަވާނެތެވެ. اللَّه އެކަންތައްތައް ހިމަނުއްވައި ލިޔުއްވިއެވެ. އަދި އެއުރެން އެކަންތައްތައް ހަނދާން ނައްތައިލޫއެވެ. އަދި اللَّه އީ ކޮންމެކަމެއްގެ މައްޗަށް ހެކިވެވޮޑިގެންވާ ރަސްކަލާނގެއެވެ.

أَلَمۡ تَرَ أَنَّ ٱللَّهَ یَعۡلَمُ مَا فِی ٱلسَّمَـٰوَ ٰ⁠تِ وَمَا فِی ٱلۡأَرۡضِۖ مَا یَكُونُ مِن نَّجۡوَىٰ ثَلَـٰثَةٍ إِلَّا هُوَ رَابِعُهُمۡ وَلَا خَمۡسَةٍ إِلَّا هُوَ سَادِسُهُمۡ وَلَاۤ أَدۡنَىٰ مِن ذَ ٰ⁠لِكَ وَلَاۤ أَكۡثَرَ إِلَّا هُوَ مَعَهُمۡ أَیۡنَ مَا كَانُوا۟ۖ ثُمَّ یُنَبِّئُهُم بِمَا عَمِلُوا۟ یَوۡمَ ٱلۡقِیَـٰمَةِۚ إِنَّ ٱللَّهَ بِكُلِّ شَیۡءٍ عَلِیمٌ ﴿7﴾

އުޑުތަކާއި، ބިމުގައިވާހާ ތަކެއްޗާއި، ވާހާކަމެއް اللَّه ދެނެވޮޑިގެންވާކަން ކަލޭގެފާނު ދެނެވަޑައިނުގަންނަވަމުތޯއެވެ؟ ތިންމީހަކު ސިއްރު ސައްލާއެއް ކުރާހިނދު، އެއުރެންގެ ހަތަރުވަނަޔަށް އެކަލާނގެ ވޮޑިގެންނުވާ އެއްވެސް ސައްލާއެއް ނުވެތެވެ. އަދި ފަސްމީހަކު ސައްލާ ކުރާހިނދު، ހަވަނަޔަށް އެކަލާނގެ ވޮޑިގެންނުވާ އެއްވެސް ސައްލާއެއް ނުވެތެވެ. އަދި އެއަށްވުރެ މަދު، ނުވަތަ ގިނަ عدد އަކަށް ކޮންމެ ތަނެއްގައި އެއުރެންވިޔަސް، އެއުރެންނާއެކު اللَّه ވޮޑިގެންނުވާ ތަނެއްނުވެއެވެ. ދެން އެއުރެން ކޮށްއުޅުނު عمل ތަކުގެ ވާހަކައިން قيامة ދުވަހުން އެއުރެންނަށް އެކަލާނގެ خبر އަންގަވާނެތެވެ. ހަމަކަށަވަރުން، اللَّه އީ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

أَلَمۡ تَرَ إِلَى ٱلَّذِینَ نُهُوا۟ عَنِ ٱلنَّجۡوَىٰ ثُمَّ یَعُودُونَ لِمَا نُهُوا۟ عَنۡهُ وَیَتَنَـٰجَوۡنَ بِٱلۡإِثۡمِ وَٱلۡعُدۡوَ ٰ⁠نِ وَمَعۡصِیَتِ ٱلرَّسُولِۖ وَإِذَا جَاۤءُوكَ حَیَّوۡكَ بِمَا لَمۡ یُحَیِّكَ بِهِ ٱللَّهُ وَیَقُولُونَ فِیۤ أَنفُسِهِمۡ لَوۡلَا یُعَذِّبُنَا ٱللَّهُ بِمَا نَقُولُۚ حَسۡبُهُمۡ جَهَنَّمُ یَصۡلَوۡنَهَاۖ فَبِئۡسَ ٱلۡمَصِیرُ ﴿8﴾

ސިއްރު ސައްލާކޮށް އުޅުން އެއުރެންނަށް ނަހީކުރައްވާފައިވާ މީހުން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ ދެން އެއުރެންނަށް ނަހީކުރެއްވި ކަންތައް ކުރުމަށް އެއުރެން އެނބުރި އާދެއެވެ. އަދި ފާފަވެރިކަމާއި، عداوة ތެރިކަމާއި، رسول އާއަށް ނުކިޔަމަންތެރިވުމަށް އެއުރެން ސިއްރު ސައްލާ ކުރެތެވެ. އަދި އެއުރެން ކަލޭގެފާނުގެ އަރިހަށް އަންނަހިނދު، ކަލޭގެފާނަށް اللَّه سلام وحى ނުކުރައްވާ ބަހަކުން އެއުރެން ކަލޭގެފާނަށް سلام ދަންނަވަތެވެ. އަދި އެއުރެންގެ އަމިއްލަ نفس ތަކަށް އެއުރެން ބުނެތެވެ. ތިމަންމެން މިކިޔާ އެއްޗަކަށްޓަކައި اللَّه ތިމަންމެންނަށް عذاب ނުދެއްވަނީ ކީއްވެގެންހެއްޔެވެ؟ ނަރަކަ އެއުރެންނަށް ފުދެއެވެ. އެތަނަށް އެއުރެން ވަންނާނެތެވެ. ފަހެ، އެއީ ހާދަހާ ނުބައިވެގެންވާ ނިމިދިޔުމެކެވެ.

یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوۤا۟ إِذَا تَنَـٰجَیۡتُمۡ فَلَا تَتَنَـٰجَوۡا۟ بِٱلۡإِثۡمِ وَٱلۡعُدۡوَ ٰ⁠نِ وَمَعۡصِیَتِ ٱلرَّسُولِ وَتَنَـٰجَوۡا۟ بِٱلۡبِرِّ وَٱلتَّقۡوَىٰۖ وَٱتَّقُوا۟ ٱللَّهَ ٱلَّذِیۤ إِلَیۡهِ تُحۡشَرُونَ ﴿9﴾

އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ސައްލާއެއް ކުރާހިނދު ފަހެ، ފާފަވެރިކަމާއި، عداوة ތެރިކަމާއި، رسول އާއަށް ނުކިޔަމަންތެރިވުމަށް ތިޔަބައިމީހުން ސައްލާނުކުރާ ހުށިކަމެވެ! އަދި ހެޔޮކަންތައް ކުރުމާއި، تقوى ވެރިވުމަށް ތިޔަބައިމީހުން ސައްލާކުރާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ތިޔަބައިމީހުން محشر ކުރައްވާހުށީ، ހަމައެކަލާނގެ حضرة އަށެވެ.

إِنَّمَا ٱلنَّجۡوَىٰ مِنَ ٱلشَّیۡطَـٰنِ لِیَحۡزُنَ ٱلَّذِینَ ءَامَنُوا۟ وَلَیۡسَ بِضَاۤرِّهِمۡ شَیۡـًٔا إِلَّا بِإِذۡنِ ٱللَّهِۚ وَعَلَى ٱللَّهِ فَلۡیَتَوَكَّلِ ٱلۡمُؤۡمِنُونَ ﴿10﴾

إيمان ވި މީހުންނަށް ހިތާމަ ދިނުމަށްޓަކައި ސިއްރު ސައްލާކޮށް އުޅުމަކީ شيطان އާގެ ކިބައިން ވާކަމެއްކަން ކަށަވަރެވެ. އަދި اللَّه ގެ إذن ފުޅާލައިގެން މެނުވީ، އެ شيطان އާއަކަށް އެއްވެސްކަމަކުން އެއުރެންނަކަށް ގެއްލުމެއް ނުދެވޭނެތެވެ. ފަހެ، مؤمن ތަކުން ހަމައެކަނި اللَّه އަށް وكيل ކުރާހުށިކަމެވެ.

یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوۤا۟ إِذَا قِیلَ لَكُمۡ تَفَسَّحُوا۟ فِی ٱلۡمَجَـٰلِسِ فَٱفۡسَحُوا۟ یَفۡسَحِ ٱللَّهُ لَكُمۡۖ وَإِذَا قِیلَ ٱنشُزُوا۟ فَٱنشُزُوا۟ یَرۡفَعِ ٱللَّهُ ٱلَّذِینَ ءَامَنُوا۟ مِنكُمۡ وَٱلَّذِینَ أُوتُوا۟ ٱلۡعِلۡمَ دَرَجَـٰتࣲۚ وَٱللَّهُ بِمَا تَعۡمَلُونَ خَبِیرࣱ ﴿11﴾

އޭ إيمان ވެއްޖެ މީސްތަކުންނޭވެ! مجلس ތަކުގައި ތަންދިނުމަށް ތިޔަބައިމީހުންނަށް ބުނެފިނަމަ، ފަހެ، ތިޔަބައިމީހުން ތަންދޭހުށިކަމެވެ! އޭރުން اللَّه ތިޔަބައިމީހުންނަށް ތަނަވަސްކަން ދެއްވާނެތެވެ. އަދި ތިޔަބައިމީހުންގެ ގާތުގައި ތެދުވާށޭ ބުނެފިނަމަ، ފަހެ، ތިޔަބައިމީހުން (مجلس ން) ތެދުވާހުށިކަމެވެ! ތިޔަބައިމީހުންގެ ތެރެއިން إيمان ވިި މީހުންނާއި، علم ލިބިގެންވާމީހުން اللَّه ދަރަޖަތަކަކަށް އުފުއްލަވާނެތެވެ. اللَّه އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوۤا۟ إِذَا نَـٰجَیۡتُمُ ٱلرَّسُولَ فَقَدِّمُوا۟ بَیۡنَ یَدَیۡ نَجۡوَىٰكُمۡ صَدَقَةࣰۚ ذَ ٰ⁠لِكَ خَیۡرࣱ لَّكُمۡ وَأَطۡهَرُۚ فَإِن لَّمۡ تَجِدُوا۟ فَإِنَّ ٱللَّهَ غَفُورࣱ رَّحِیمٌ ﴿12﴾

އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން رسول އާއަށް مناجاة އެއް ދަންނަވާނަމަ، ތިޔަބައިމީހުން مناجاة ދެންނެވުމުގެ ކުރީގައި (فقير ންނަށް) صدقات އެއް ކުރިމަތިކުރާހުށިކަމެވެ! އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. އަދި طاهر ކަންބޮޑުމެއެވެ. ފަހެ، ތިޔަބައިމީހުންނަށް صدقات އެއް ކުރާނޭ އެއްޗެއް ނުލިބުނުނަމަ، ފަހެ، ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.

ءَأَشۡفَقۡتُمۡ أَن تُقَدِّمُوا۟ بَیۡنَ یَدَیۡ نَجۡوَىٰكُمۡ صَدَقَـٰتࣲۚ فَإِذۡ لَمۡ تَفۡعَلُوا۟ وَتَابَ ٱللَّهُ عَلَیۡكُمۡ فَأَقِیمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَأَطِیعُوا۟ ٱللَّهَ وَرَسُولَهُۥۚ وَٱللَّهُ خَبِیرُۢ بِمَا تَعۡمَلُونَ ﴿13﴾

ތިޔަބައިމީހުން رسول އާއަށް مناجاة އެއް ދެންނެވުމުގެކުރިން صدقات އެއް ކުރިމަތިކުރުމަށް ތިޔަބައިމީހުން ބިރުގަތީހެއްޔެވެ؟ ފަހެ، ތިޔަބައިމީހުންނަށް އެކަންތައް ނުކުރެވުނުހިނދު، އަދި اللَّه ތިޔަބައިމީހުންގެ މައްޗަށް توبة ލައްވައިފިހިނދު، ފަހެ، ތިޔަބައިމީހުން ނަމާދު قائم ކުރާށެވެ! އަދި زكاة ދޭށެވެ! އަދި اللَّه އާއި، އެކަލާނގެ رسول އާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! اللَّه އީ، ތިޔަބައިމީހުން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

۞ أَلَمۡ تَرَ إِلَى ٱلَّذِینَ تَوَلَّوۡا۟ قَوۡمًا غَضِبَ ٱللَّهُ عَلَیۡهِم مَّا هُم مِّنكُمۡ وَلَا مِنۡهُمۡ وَیَحۡلِفُونَ عَلَى ٱلۡكَذِبِ وَهُمۡ یَعۡلَمُونَ ﴿14﴾

اللَّه، އެއުރެންގެ މައްޗަށް ކޯފާލައްވާފައިވާ ބަޔަކު އެކުވެރި رحمة ތެރިން ކަމުގައި ހެދިމީހުންނަށް ކަލޭގެފާނު ނުބައްލަވަމުތޯއެވެ؟ އެއީ ތިޔަބައިމީހުންގެެ ތެރެއިންވާ ބަޔެއްނޫނެވެ. އަދި އެއުރެންގެ ތެރެއިންވެސް ހިމެނޭ ބަޔެއްނޫނެވެ. އަދި އެއުރެން ދެނެދެނެތިބެ، ދޮގުގެ މައްޗަށް ހުވާކުރެތެވެ.

أَعَدَّ ٱللَّهُ لَهُمۡ عَذَابࣰا شَدِیدًاۖ إِنَّهُمۡ سَاۤءَ مَا كَانُوا۟ یَعۡمَلُونَ ﴿15﴾

اللَّه، އެއުރެންނަށްޓަކައި ގަދަވެގެންވާ عذاب އެއް ތައްޔާރުކުރެއްވިއެވެ. ހަމަކަށަވަރުން، އެއުރެން ކޮށްއުޅުނު ކަންތަކުގެ ނުބައިކަމާއެވެ!

ٱتَّخَذُوۤا۟ أَیۡمَـٰنَهُمۡ جُنَّةࣰ فَصَدُّوا۟ عَن سَبِیلِ ٱللَّهِ فَلَهُمۡ عَذَابࣱ مُّهِینࣱ ﴿16﴾

އެއުރެންގެ ހުވާތަކަކީ އައްޑަނަތަކެއްކަމުގައި އެއުރެން ހެދޫއެވެ. ފަހެ، އެއުރެން اللَّه ގެ މަގުން (މީސްތަކުން) އެއްކިބާކުރޫއެވެ. ފަހެ، އެއުރެންނަށް އިހާނަތްތެރިކަންދެނިވި عذاب ހުށްޓެވެ.

لَّن تُغۡنِیَ عَنۡهُمۡ أَمۡوَ ٰ⁠لُهُمۡ وَلَاۤ أَوۡلَـٰدُهُم مِّنَ ٱللَّهِ شَیۡـًٔاۚ أُو۟لَـٰۤىِٕكَ أَصۡحَـٰبُ ٱلنَّارِۖ هُمۡ فِیهَا خَـٰلِدُونَ ﴿17﴾

އެއުރެންގެ މުދަލެއްވެސް، އަދި އެއުރެންގެ ދަރިންނެއްވެސް اللَّه ގެ حضرة ން އެއްވެސްކަމެއް އެއުރެންނަކަށް ފުއްދައެއް ނުދޭނެތެވެ. އެއުރެންނީ، ނަރަކައިގެ أهل ވެރިންނެވެ. އެއުރެން އެތާނގައި ދެމިތިބޭނެތެވެ.

یَوۡمَ یَبۡعَثُهُمُ ٱللَّهُ جَمِیعࣰا فَیَحۡلِفُونَ لَهُۥ كَمَا یَحۡلِفُونَ لَكُمۡ وَیَحۡسَبُونَ أَنَّهُمۡ عَلَىٰ شَیۡءٍۚ أَلَاۤ إِنَّهُمۡ هُمُ ٱلۡكَـٰذِبُونَ ﴿18﴾

اللَّه، އެއުރެން އެންމެން محشر އަށް ފޮނުއްވާ ދުވަހު، އެއުރެން ތިޔަބައިމީހުންގެ ގާތުގައި (މިއަދު) ހުވާކޮށްއުޅޭ ފަދައިން އެކަލާނގެ حضرة ގައިވެސް އެއުރެން ހުވާކުރާނެތެވެ. އަދި (ފައިދާކުރާނޭ) އެއްޗެއްގެ މަތީގައި އެއުރެންވާކަމަށް އެއުރެން ހީކުރެއެވެ. ދަންނާށެވެ! ހަމަކަށަވަރުން އެއުރެންނީ ހަމަ، ދޮގުވެރިންނެވެ.

ٱسۡتَحۡوَذَ عَلَیۡهِمُ ٱلشَّیۡطَـٰنُ فَأَنسَىٰهُمۡ ذِكۡرَ ٱللَّهِۚ أُو۟لَـٰۤىِٕكَ حِزۡبُ ٱلشَّیۡطَـٰنِۚ أَلَاۤ إِنَّ حِزۡبَ ٱلشَّیۡطَـٰنِ هُمُ ٱلۡخَـٰسِرُونَ ﴿19﴾

شيطان އާވަނީ، އެއުރެންގެ މައްޗަށް ވެރިވެގެންފައެވެ. ފަހެ، އެ شيطان އާ، އެއުރެން اللَّه ހަނދުމަކުރުން ހަނދާންނެތިކޮށްލިއެވެ. އެއުރެންނީ، شيطان އާގެ جماعة ގެ މީހުންނެވެ. ދަންނާށެވެ! ހަމަކަށަވަރުން، شيطان އާގެ جماعة ގެމީހުންނީ ހަމަ ގެއްލެނިވެގެންވާ މީހުންނެވެ.

إِنَّ ٱلَّذِینَ یُحَاۤدُّونَ ٱللَّهَ وَرَسُولَهُۥۤ أُو۟لَـٰۤىِٕكَ فِی ٱلۡأَذَلِّینَ ﴿20﴾

ހަމަކަށަވަރުން، اللَّه އާއި، އެކަލާނގެ رسول އާއަށް ދެކޮޅުވެރިވާ މީހުން (ދަންނާށެވެ!) އެއުރެންވަނީ، އެންމެ ދެރަ ނިކަމެތި މީހުންގެ ތެރޭގައެވެ.

كَتَبَ ٱللَّهُ لَأَغۡلِبَنَّ أَنَا۠ وَرُسُلِیۤۚ إِنَّ ٱللَّهَ قَوِیٌّ عَزِیزࣱ ﴿21﴾

اللَّه ކަނޑައަޅުއްވައި ލިޔުއްވާފައިވެއެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއާއި، ތިމަންރަސްކަލާނގެ رسول ން (އެއުރެންގެ މައްޗަށް) ގަދަވެގަންނަ ހުށީމުއެވެ. ހަމަކަށަވަރުން، اللَّه އީ، ބާރުވެރިވަންތަ، عزيز ވަންތަ ރަސްކަލާނގެއެވެ.

لَّا تَجِدُ قَوْمًا يُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِ يُوَآدُّونَ مَنْ حَآدَّ ٱللَّهَ وَرَسُولَهُۥ وَلَوْ كَانُوٓا۟ ءَابَآءَهُمْ أَوْ أَبْنَآءَهُمْ أَوْ إِخْوَٰنَهُمْ أَوْ عَشِيرَتَهُمْ أُو۟لَٰٓئِكَ كَتَبَ فِى قُلُوبِهِمُ ٱلْإِيمَٰنَ وَأَيَّدَهُم بِرُوحٍ مِّنْهُ وَيُدْخِلُهُمْ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا رَضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ أُو۟لَٰٓئِكَ حِزْبُ ٱللَّهِ أَلَآ إِنَّ حِزْبَ ٱللَّهِ هُمُ ٱلْمُفْلِحُونَ ﴿22﴾

اللَّه އަށާއި، آخرة ދުވަހަށް إيمان ވާ މީހުންނީ، اللَّه އާއި، އެކަލާނގެ رسول އާއަށް ދެކޮޅުވެރިވާ މީހުންނަށް ލޯބިކުރާ ބަޔަކުކަމުގައިވާތީ ތިބާ ނުދެކޭނޫއެވެ. އެއުރެންނީ، އެއުރެންގެ މައިންބަފައިން ކަމުގައިވިޔަސް، ނުވަތަ ދަރިން ކަމުގައި، ނުވަތަ أخ ން ކަމުގައި، ނުވަތަ ގާތްތިމާގެ މީހުންކަމުގައި ވިޔަސްމެއެވެ. އެއުރެންނީ، އެއުރެންގެ ހިތްތަކުގައި އެކަލާނގެ إيمان ކަން ލިޔުއްވި މީހުންނެވެ. އަދި އެކަލާނގެ حضرة ން ލިބިފައިވާ روح އަކުން، އެއުރެންނަށް ގަދަކަންދެއްވި މީހުންނެވެ. އަދި އެތާނގެދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަކަށް އެކަލާނގެ އެއުރެން ވައްދަވާނެތެވެ. އެތާނގައި އެއުރެން ދެމިތިބެނިވި ގޮތުގައެވެ. اللَّه އެއުރެންނަށް ރުއްސެވިއެވެ. އަދި އެއުރެން އެކަލާނގެއާމެދު ރުހިގެންވެއެވެ. އެއުރެންނީ اللَّه ގެ جماعة އެވެެ. ދަންނާށެވެ! ހަމަކަށަވަރުން، اللَّه ގެ جماعة ގެ މީހުންނީ ހަމަ، ދިންނަވާނޭ މީހުންނެވެެ.