Main pages

Surah Mutual Disillusion [At-Taghabun] in Divehi

Surah Mutual Disillusion [At-Taghabun] Ayah 18 Location Madinah Number 64

یُسَبِّحُ لِلَّهِ مَا فِی ٱلسَّمَـٰوَ ٰ⁠تِ وَمَا فِی ٱلۡأَرۡضِۖ لَهُ ٱلۡمُلۡكُ وَلَهُ ٱلۡحَمۡدُۖ وَهُوَ عَلَىٰ كُلِّ شَیۡءࣲ قَدِیرٌ ﴿1﴾

އުޑުތަކާއި، ބިމުގައިވާހާ ތަކެއްޗެއް اللَّه އަށް تسبيح ކިޔަތެވެ. ވެރިކަންވަނީ އެކަލާނގެއަށެވެ. އަދި حمد ހުރީވެސް އެކަލާނގެއަށެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.

هُوَ ٱلَّذِی خَلَقَكُمۡ فَمِنكُمۡ كَافِرࣱ وَمِنكُم مُّؤۡمِنࣱۚ وَٱللَّهُ بِمَا تَعۡمَلُونَ بَصِیرٌ ﴿2﴾

އެކަލާނގެއީ، ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން كافر ން ވެއެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން مؤمن ންވެސް ވެއެވެ. އަދި اللَّه އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.

خَلَقَ ٱلسَّمَـٰوَ ٰ⁠تِ وَٱلۡأَرۡضَ بِٱلۡحَقِّ وَصَوَّرَكُمۡ فَأَحۡسَنَ صُوَرَكُمۡۖ وَإِلَیۡهِ ٱلۡمَصِیرُ ﴿3﴾

އެކަލާނގެ އުޑުތަކާއި، ބިން حق ގޮތުގައި ހެއްދެވިއެވެ. އަދި ތިޔަބައިމީހުން صورة ކުރައްވައި، ދެން ތިޔަބައިމީހުންގެ صورة ތައް ރިވެތިކުރެއްވިއެވެ. އަދި އެނބުރި ދިޔުންވަނީ، އެކަލާނގެ حضرة އަށެވެ.

یَعۡلَمُ مَا فِی ٱلسَّمَـٰوَ ٰ⁠تِ وَٱلۡأَرۡضِ وَیَعۡلَمُ مَا تُسِرُّونَ وَمَا تُعۡلِنُونَۚ وَٱللَّهُ عَلِیمُۢ بِذَاتِ ٱلصُّدُورِ ﴿4﴾

އުޑުތަކާއި، ބިމުގައިވާހާކަމެއް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުން ސިއްރުކުރާ ކަންތަކާއި، ފާޅުކުރާ ކަންތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި اللَّه އީ، ހިތްތަކުގައިވާހާކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

أَلَمۡ یَأۡتِكُمۡ نَبَؤُا۟ ٱلَّذِینَ كَفَرُوا۟ مِن قَبۡلُ فَذَاقُوا۟ وَبَالَ أَمۡرِهِمۡ وَلَهُمۡ عَذَابٌ أَلِیمࣱ ﴿5﴾

މީގެކުރިން كافر ވިމީހުންގެ خبر، ތިޔަބައިމީހުންނާ ހަމަޔަކަށް ނާދޭހެއްޔެވެ؟ ފަހެ، އެއުރެންކުޅަ ކަންތަކުގެ ނުބައި ނަތީޖާގެ ރަހަ، އެއުރެން ލިބިގަތޫއެވެ. އަދި އެއުރެންނަށް ވޭންދެނިވި عذاب ހުށްޓެވެ.

ذَ ٰ⁠لِكَ بِأَنَّهُۥ كَانَت تَّأۡتِیهِمۡ رُسُلُهُم بِٱلۡبَیِّنَـٰتِ فَقَالُوۤا۟ أَبَشَرࣱ یَهۡدُونَنَا فَكَفَرُوا۟ وَتَوَلَّوا۟ۖ وَّٱسۡتَغۡنَى ٱللَّهُۚ وَٱللَّهُ غَنِیٌّ حَمِیدࣱ ﴿6﴾

އެއީ އެއުރެންގެ ގާތަށް އެއުރެންގެ ރަސޫލުން ފާޅުވެގެންވާ ހެކިތަކާއިގެން ވަޑައިގަތުމުން، ފަހެ، ތިމަންމެންނަށް ތެދުމަގު ދައްކަނީ، آدم ގެދަރިންތަކެއް ހެއްޔޭ، އެއުރެން ބުނެ، އެއުރެން كافر ވެ، ފުރަގަސްދިނީތީއެވެ. އަދި اللَّه ފުދިވޮޑިގެންވެއެވެ. اللَّه އީ، ފުދިވޮޑިގެންވާ، حمد ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ.

زَعَمَ ٱلَّذِینَ كَفَرُوۤا۟ أَن لَّن یُبۡعَثُوا۟ۚ قُلۡ بَلَىٰ وَرَبِّی لَتُبۡعَثُنَّ ثُمَّ لَتُنَبَّؤُنَّ بِمَا عَمِلۡتُمۡۚ وَذَ ٰ⁠لِكَ عَلَى ٱللَّهِ یَسِیرࣱ ﴿7﴾

كافر ވިމީހުން، އެއުރެން އަލުން ދިރުއްވައި ނުފޮނުއްވާނޭކަމަށް ހީކުރޫއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެހެންނަކުން ނޫނެވެ. ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި ވިދާޅުވަމެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން އަލުން ދިރުއްވައި ފޮނުއްވާހުށްޓެވެ. ދެން ހަމަކަށަވަރުން، ތިޔަބައިމީހުންކުރި عمل ތަކުގެ خبر، ތިޔަބައިމީހުންނަށް އަންގަވާހުށްޓެވެ. އަދި އެކަންތަކަކީ، اللَّه އަށް ދާދިފަސޭހަ ކަމެކެވެ.

فَـَٔامِنُوا۟ بِٱللَّهِ وَرَسُولِهِۦ وَٱلنُّورِ ٱلَّذِیۤ أَنزَلۡنَاۚ وَٱللَّهُ بِمَا تَعۡمَلُونَ خَبِیرࣱ ﴿8﴾

ފަހެ، ތިޔަބައިމީހުން اللَّه އަށާއި، އެކަލާނގެ رسول އާއަށާއި، ތިމަންރަސްކަލާނގެ ބާވައިލެއްވި نور އަށް (އެބަހީ: قرآن އަށް) إيمان ވާށެވެ! اللَّه އީ، ތިޔަބައިމީހުންކުރާ ކަންތައް، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

یَوۡمَ یَجۡمَعُكُمۡ لِیَوۡمِ ٱلۡجَمۡعِۖ ذَ ٰ⁠لِكَ یَوۡمُ ٱلتَّغَابُنِۗ وَمَن یُؤۡمِنۢ بِٱللَّهِ وَیَعۡمَلۡ صَـٰلِحࣰا یُكَفِّرۡ عَنۡهُ سَیِّـَٔاتِهِۦ وَیُدۡخِلۡهُ جَنَّـٰتࣲ تَجۡرِی مِن تَحۡتِهَا ٱلۡأَنۡهَـٰرُ خَـٰلِدِینَ فِیهَاۤ أَبَدࣰاۚ ذَ ٰ⁠لِكَ ٱلۡفَوۡزُ ٱلۡعَظِیمُ ﴿9﴾

އެއްކުރެއްވުމުގެ ދުވަހަށް، އެކަލާނގެ ތިޔަބައިމީހުން އެއްކުރައްވާ ދުވަސް (ހަނދުމަކުރާށެވެ!) އެއީ تغابن ގެ ދުވަހެވެ. (އެބަހީ: قيامة ދުވަހެވެ.) اللَّه އަށް إيمان ވެ، صالح عمل ކުރާ މީހާޔަށް އޭނާގެ ކުށްތައް އެކަލާނގެ އޭނާގެ ކިބައިން ފުއްސަވާނެތެވެ. އަދި އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް އެކަލާނގެ އޭނާ ވައްދަވާނެތެވެ. އެތާނގައި، އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. ބޮޑުވެގެންވާ نصيب ލިބުމަކީ އެއީއެވެ.

وَٱلَّذِینَ كَفَرُوا۟ وَكَذَّبُوا۟ بِـَٔایَـٰتِنَاۤ أُو۟لَـٰۤىِٕكَ أَصۡحَـٰبُ ٱلنَّارِ خَـٰلِدِینَ فِیهَاۖ وَبِئۡسَ ٱلۡمَصِیرُ ﴿10﴾

އަދި كافر ވެ، ތިމަންރަސްކަލާނގެ آية ތައް ދޮގުކުޅަމީހުން (ދަންނާށެވެ!) އެއުރެންނީ، ނަރަކައިގެ أهل ވެރިންނެވެ. އެތާނގައި އެއުރެން ދެމިތިބެނިވި ގޮތުގައެވެ. އަދި އެއީ ހާދަހާ ނުބައިވެގެންވާ ނިމިދިޔުމެކެވެ.

مَاۤ أَصَابَ مِن مُّصِیبَةٍ إِلَّا بِإِذۡنِ ٱللَّهِۗ وَمَن یُؤۡمِنۢ بِٱللَّهِ یَهۡدِ قَلۡبَهُۥۚ وَٱللَّهُ بِكُلِّ شَیۡءٍ عَلِیمࣱ ﴿11﴾

اللَّه ގެ إذن ފުޅަށްމެނުވީ، އެއްވެސް مصيبة އެއް ނުޖެހެއެވެ. އަދި اللَّه އަށް إيمان ވާމީހާ (ދަންނާށެވެ!) އެކަލާނގެ އެމީހާގެ ހިތަށް ތެދުމަގު ދައްކަވަތެވެ. اللَّه އީ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

وَأَطِیعُوا۟ ٱللَّهَ وَأَطِیعُوا۟ ٱلرَّسُولَۚ فَإِن تَوَلَّیۡتُمۡ فَإِنَّمَا عَلَىٰ رَسُولِنَا ٱلۡبَلَـٰغُ ٱلۡمُبِینُ ﴿12﴾

ތިޔަބައިމީހުން اللَّه އަށް ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން رسول އާއަށް ކިޔަމަންވާށެވެ! ފަހެ، ތިޔަބައިމީހުން (އެކަމަށް) ފުރަގަސްދީފިނަމަ، ފަހެ، ތިމަންރަސްކަލާނގެ رسول އާގެ މައްޗަށް އޮތްކަން ކަށަވަރީ، بيان ވެގެންވާ އިއްވެވުމެވެ.

ٱللَّهُ لَاۤ إِلَـٰهَ إِلَّا هُوَۚ وَعَلَى ٱللَّهِ فَلۡیَتَوَكَّلِ ٱلۡمُؤۡمِنُونَ ﴿13﴾

اللَّه އީ، އެކަލާނގެ ފިޔަވައި حق ވެގެން އަޅުކަމެއްވެވޭ إله އަކުނުވާ ރަސްކަލާނގެއެވެ. ފަހެ، مؤمن ތަކުން، ހަމައެކަނި اللَّه އަށް وكيل ކުރާ ހުށިކަމެވެ!

یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوۤا۟ إِنَّ مِنۡ أَزۡوَ ٰ⁠جِكُمۡ وَأَوۡلَـٰدِكُمۡ عَدُوࣰّا لَّكُمۡ فَٱحۡذَرُوهُمۡۚ وَإِن تَعۡفُوا۟ وَتَصۡفَحُوا۟ وَتَغۡفِرُوا۟ فَإِنَّ ٱللَّهَ غَفُورࣱ رَّحِیمٌ ﴿14﴾

އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ އަނބީންނާއި، ތިޔަބައިމީހުންގެ ދަރިންގެ ތެރެއިން، ތިޔަބައިމީހުންނަށް عداوة ތެރިންވެއެވެ. ފަހެ، އެއުރެންނަށް ތިޔަބައިމީހުން ރައްކާތެރިވެ ތިބޭށެވެ! ތިޔަބައިމީހުން عفو ކޮށް، މާފުކޮށް، އަދި ކުށަކަށް ނުހަދައިފިނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެެއެވެ.

إِنَّمَاۤ أَمۡوَ ٰ⁠لُكُمۡ وَأَوۡلَـٰدُكُمۡ فِتۡنَةࣱۚ وَٱللَّهُ عِندَهُۥۤ أَجۡرٌ عَظِیمࣱ ﴿15﴾

ތިޔަބައިމީހުންގެ މުދާތަކާއި، ތިޔަބައިމީހުންގެ ދަރިންތައް ވާކަންކަށަވަރީ، امتحان އެއް ކަމުގައެވެ. އަދި ބޮޑުވެގެންވާ ދަރުމަހުރީ، اللَّه ގެ حضرة ގައެވެ.

فَٱتَّقُوا۟ ٱللَّهَ مَا ٱسۡتَطَعۡتُمۡ وَٱسۡمَعُوا۟ وَأَطِیعُوا۟ وَأَنفِقُوا۟ خَیۡرࣰا لِّأَنفُسِكُمۡۗ وَمَن یُوقَ شُحَّ نَفۡسِهِۦ فَأُو۟لَـٰۤىِٕكَ هُمُ ٱلۡمُفۡلِحُونَ ﴿16﴾

ފަހެ، ތިޔަބައިމީހުންނަށް ކުޅަދާނަވީވަރަކުން، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ތިޔަބައިމީހުން އަހާށެވެ! އަދި ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން ހޭދަކުރާށެވެ! ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް އެގޮތް ހެޔޮކަން ބޮޑުވެގެންވެއެވެ. އަދި އެމީހެއްގެ އަމިއްލަ نفس ގެ ދަހިވެތިކަމުން މިންޖުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ ދިންނަވާނޭ މީހުންނެވެ.

إِن تُقۡرِضُوا۟ ٱللَّهَ قَرۡضًا حَسَنࣰا یُضَـٰعِفۡهُ لَكُمۡ وَیَغۡفِرۡ لَكُمۡۚ وَٱللَّهُ شَكُورٌ حَلِیمٌ ﴿17﴾

ހެޔޮވެގެންވާ ދަރަންޏަކުން اللَّه އަށް ތިޔަބައިމީހުން ދަރަންޏެއް ދޭނަމަ (އެބަހީ: اللَّه އަށްޓަކައި ހޭދަކުރާނަމަ) އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި، އެތަކެތި ގިނަގުނަކުރައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް ފާފަފުއްސަވާނެތެވެ. اللَّه އީ، ގިނަގިނައިން شكر قبول ކުރައްވާ، حليم ވަންތަ ރަސްކަލާނގެއެވެ.

عَـٰلِمُ ٱلۡغَیۡبِ وَٱلشَّهَـٰدَةِ ٱلۡعَزِیزُ ٱلۡحَكِیمُ ﴿18﴾

(އެކަލާނގެއީ) ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ.